އައްޑޫ އަށް މިދިޔަ މަހު ގެންދިޔަ  1.8 މެގަވޯޓުގެ ޖެނެރޭޓާރ، ފޮޓޯ: ފެނަކަ
އައްޑޫ އަށް މިދިޔަ މަހު ގެންދިޔަ 1.8 މެގަވޯޓުގެ ޖެނެރޭޓާރ، ފޮޓޯ: ފެނަކަ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސިޓީއަށް އިތުރު ޖެނެރޭޓަރެއް ގެންދަން ނިންމާފައިވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

އެގޮތުން ފެނަކައިން ބުނެފައިވަނީ އައްނަ ހަފްތާތެރޭ އައްޑޫ ސިޓީއަށް އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ފެނަކައިން ވަނީ އައްޑޫއަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި ޖެނެރޭޓަރ ސެޓު އިންސްޓޯލުކޮށް، އޭގެ ބޭނުން މިހާރު އެ ސިޓީގައި ދަނީ ކުރަމުންނެވެ. މި ޖެނެރޭޓަރު ގެންދިއުމަށްފަހު އޭރު ފެނަކައިން ބުނީ މީގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. މި ރަމަޟާން މަހުވެސް އެކި ގަޑިތަކުގައި އެ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާތީ، އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދަނީ ގިނަ ތަކުލީފުތަކެއް ކުރިމަތިވަމުންނެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރުވެފައިވާ މި ދަނޑިވަޅުގައި ފެނަކައިން ބުނަމުންދަނީ އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ފާއިތުވި ދެމަސްތެރޭގައި ވެސް މިކަން ހައްލުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފެނަކައިން ފާހަގަ ކޮށްފައި ވެއެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން މިހާރު އަނެއްކާވެސް އާ ޖެނެރޭޓަރެއް އެ ސިޓީއަށް ގެންދަން ނިންމާފައިވާއިރު، މިހާރު އެ ސިޓީގައި ހުރި އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ޖަނަރޭޓަރު ސެޓުތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަސްވެސް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، މިހާރު ހިތަދޫގައި ބަހައްޓާފައިވާ 20 ޖަނަރޭޓަރުގެ ޖުމުލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެހެންނަމަވެސް، ޖަނަރޭޓަރުތައް ހަލާކުވުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެ ސިޓީގެ ކަރަންޓުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން