މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ވާރޭ ވެހިއްޖެނަމަ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމަށްޓަކައި މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ފެށި މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްފަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވީ އެއްވެސް ވަރުބަލިވުމެއް ނެތި، ރެޔާއި ދުވާލު އެވުޒާރާގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގައި ފުރަތަމަ އިސްކަންދޭނީ މާލޭގެ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށް ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެކަމުގެ ތަކްލީފް އުފުލަންޖެހޭކަން އާންމު ޚިދުމަތްތަކާބެހޭ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ.

މީގެ ކުރިން ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެކަން އިޢުލާނު ކުރައްވާފައެވެ.

އެގޮތުން މިއަދު ފެށި މި ޙަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރު ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

އޭގެއިތުރުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމަށްޓަކައި ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ 6 ޖީއެސްޓީސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން