ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލައެއްގެ ސަބަބުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިހާރުވަނީ އެ މައްސަލަ ބަލައިގަތް ކަމުގެ ލިޔުން މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލަށް ފޮނުވައިފަ އެވެ. ނަމަވެސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަހު ސިނާން ވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ދައްކައިފައެވެ.

ސިނާންގެ ގޮނޑިއާމެދު ގޮތެއް ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާނަމަ އެމެންބަރަކު މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މެންބަރު ސިނާން އެހެން ބަޔަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް މައްސަލާގައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން ސިނާން ވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ބައެއް އިސްލާމިކް ބެންކަށް ދައްކާފައެވެ. އަދި ދަރަނީގެ ބައެއް ދެއްކުމާ ގުޅިގެން އިސްލާމިކް ބޭންކުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް އަނބުރާ ގެންގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ސިނާން އާއި ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމްގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. އަދި އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ނަމަވެސް ޙުކުމާ އެއްގޮތަށް އެފަރާތްތަކުން ފައިސާ ނުދައްކާ ކަމަށްބުނެ މޯލްޑިވްސް އިސްލާމިކް ބޭންކުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވަނީ މައްސަލަ ހުށައަޅާފައެވެ.

މި މައްސަލާގައި 14 އޮކްޓޯބަރު 2024 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ އެފަރާތްތަކުގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ތެރެއިން ނުދައްކާ ބާކީހުރި ދެ މިލިއަން ފަސްލައްކަ ވިހިހާސް ދުއިސައްތަ ބާވީސް ރުފިޔާ ނުވަދިހަ އަށްލާރި ޙުކުމް ކުރި ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކަށް ދެއްކުމަށެވެ.

އަދި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށްވެސް ހިތަދޫ ކޯޓުގެ ހުކުމުގައިވެއެވެ.

އެހެން ނަމަވެސް، ހުކުމުގައި ބުނެފައިވާ ގޮތަށް އެފަރާތްތަކުން އިސްލާމިކް ބޭންކަށް މި ފައިސާ ދައްކާފައި ނުވާ ކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން