އޭސީސީގެ ރައީސް އާދަމް ޝާމިލް
އޭސީސީގެ ރައީސް އާދަމް ޝާމިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޟިރުކޮށް ބަޔާން ނަގައިފިއެވެ.

އެގޮތުން އޭސީސީއަށް ހާޟިރު ކޮށް ބަޔާން ނަގާފައިވާ ޤާޟީންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އާދަމް މުޙައްމަދާއި ޤާޟީ އިބްރާހިމް ޒިހުނީ އާއި ގާޒީ ޞަފްވަތު ޙަބީބް ހިމެނެއެވެ.

މިކަން ކަށަވަރު ކޮށްދެމުން އޭސީސީން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑުކޮށްފައިވަނީ 26 ފެބްރުއަރީގައެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރުން ސަސްޕެންޑު ކުރީ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގުތަކެއް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން ބަލަމުންދާ އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން ފަނޑިޔާރު އަޒްްމިރަލްދާއާއި ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަމުންދާ އަނެއް މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.

ޖޭއެސްސީން މި މައްސަލަތަކުގެ ތަހުގީގު ފެށުމުން ސަސްޕެންޑުގައި ހުރި ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން