ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެންދިއުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށް އެދި ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް މަހާޒް މިއަދު އިންކާރު ކުރަށްވައިފިއެވެ.

މި މައްސަލާގައި ޖޭއެސްސީއަށް މިއަދު ޙާޟިރުވެ ވަޑައިގަތުމަށްފަހު ކޮމިޝަނަށް ޖަވާބު ދާރީވެ ވަޑައިގަންނަމުން މަހާޒްގެ ފަރާތުން ވިދާޅުވެފައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީއަކަށްވެސް އަދި މުވައްޒަފަކަށްވެސް މަހާޒް އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ނުކުރަށްވާ ކަމަށެވެ.

އެގޮތުން މަހާޒްގެ ވަކީލު ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުން ނިންމާ ކަމެއް ސުޕްރީމް ކޯޓާ ހަމައަށްވެސް ދިއުމުގެ ފުރުސަތު އޮތުމުން، އެ ދުވަސްވަރު މަހާޒް މަސައްކަތް ކުރަށްވާފައިވެސް ވަނީ މައްސަލައިގެ މަސްލަޙަތުއޮތް ފަނޑިޔާރާއި ވީހާވެސް ދުރުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ޙާޟިރު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އަޒްމިރަލްދާގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ޖޭއެސްސީގައި އެދިވަޑައިގެންނެވި ނަމަވެސް ޖޭއެސްސީން މިއަދު ނިންމާފައިވަނީ އެ އަޑުއެހުން ހުޅުވާ ނުލުމަށެވެ.

މި މައްސަލަ އޭސީސީންވެސް މިހާރު ދަނީ ބަލަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ހަބީބް އާއި ޤާޟީ އިބްރާހީމް ޒިހުނީ އާއި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދު މިހާރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން