ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވާ، ހިއްވަރުދީ ހަދައިގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގުރާމެއްގައި ރައީސް ޞާލިހުގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލައި މީހަކު ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައި ޤާސިމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އެފަދަ ދަށު ދަރަޖައިގެ ވާހަތަކެއް ދެއްކުމަކީ ޤާބޫލް ކުރެއްވޭ ކަމެއްނޫންކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ހިއްވަރު ދިނުމަކީވެސް ބަލައި ގަނެވޭނެކަމެއް ނޫންކަމަށް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވިވެއެވެ.

"ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވާ ހިއްވަރުދީ ހަދައިގެން ނުވާނެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ޞާލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން." ޤާސިމްގެ ޓްވީޓްގައި ވެއެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ރައީސް ޞާލިޙްގެ ހަށިކޮޅަށް ގެއްލުންދޭން ބުނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ވާހަކަ ދެއްކި ތ. ވިލިފުށީ މީހެކެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަންވީ" ކަމަށެވެ.

މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ފުލުހުން ވަނީ ޗެނަލް ތޭރައިގެ ބޭފުޅުން ފުލުހަށް ހާޒިރުކޮށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފައެވެ.

ޗެނަލް 13 ގެ ލައިވް ޕްރޮގުރާމެއްގައި މީހަކު މިފަދަ ގޮތަކަށް ވާހަަކަ ދެއްކުމާއި ގުޅިގެން އެޗެނަލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ޗެނަލް13އިން ނެރުނު ބަޔާނުގައި އެއީ އެޗެނަލްގެ ޕްރޮގްރާމަކަށް ގުޅި މީހެއްގެ އަމިއްލަ ޚިޔާލު ކަމަށް ބުނެ އެކަމަށް އެޗަނަލުން ޒިންމާ ނުނަގާނެ ކަން ވަނީ ހާމަކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ބްރޯޑްކޮމް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން