މަރްޔަމް ނަހްދާ ވަޙީދު   11 މާރިޗު 2025 - 13:50
1000 ވަޓު އިންޖީނު އުޅަނދަށް ލޯޑު ކުރުމުގެ ތެރެއިން، ފޮޓޯ: ފެނަކަ
1000 ވަޓު އިންޖީނު އުޅަނދަށް ލޯޑު ކުރުމުގެ ތެރެއިން، ފޮޓޯ: ފެނަކަ
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ސިޓީއަށް 1000 ކިލޯވޯޓުގެ އިންޖީނެއް ފޮނުވާފައިވާކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

އެ ސިޓީގެ ސެންޓްރަލް ޕަވާރ ސްޓޭޝަންގެ ޖެނެރޭޓަރ ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ފެނަކައިން ބުނެފައިވަނީ އައްޑޫ އަށް ފޮނުވުމަށް 1000 ކިލޯވޯޓުގެ އިންޖީނެއް ރޭގެ ވަގުތެއްގައި އުޅަނދަކަށް ލޯޑު ކުރެވިފައިވާ ކަމަށެވެ.

އަދި އެ އުޅަނދު އަންނަ ބުރާސްފަތި ދުވަހު އައްޑޫ އަށް ބަނދަރު ކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ އިންޑިއާއިން ގެންނަ 1800 ކިލޯވޯޓު އިންޖީނާއެކު ފުރި އުޅަނދުވެސް ތާވަލާ އެއްގޮތަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ފެނަކައިން ވަނީ އައްޑޫއަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް ގެންގޮސްފައެވެ. އަދި މި ޖެނެރޭޓަރ ސެޓު އިންސްޓޯލުކޮށް، އޭގެ ބޭނުން މިހާރު އެ ސިޓީގައި ދަނީ ކުރަމުންނެވެ. މި ޖެނެރޭޓަރު ގެންދިއުމަށްފަހު އޭރު ފެނަކައިން ބުނީ މީގެ ސަބަބުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ.

މި ރަމަޟާން މަހުވެސް އެކި ގަޑިތަކުގައި އެ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާތީ، އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދަނީ ގިނަ ތަކުލީފުތަކެއް ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން އެރަށު ރައްޔިތުން ދަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން