ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސްގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަރުހޫމް ހުސެއިން މުހައްމަދަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަރަށް ހެޔޮ އަހުލާގެއްގެ ވެރިއެއްކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް މަޝްވަރާގެ ތެރެއިން ކަންކަން ކުރެއްވުމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމަށެވެ.

މަރުހޫމް ހުސެއިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލާނީ މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށް އާންމުނަށްވެސް ސޮއިކުރެވޭ ގޮތަށް މަޖިލީހުގައިކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މިއަދު ވަނީ ޖަލްސާ ފެއްޓުމުގެކުރިން މަރުހޫމް ހުސެއިން މުހައްމަދުގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.

އަލްމަރުހޫމް ހުސައިން މުހައްމަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އއ އަތޮޅުގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން، 2009 އަހަރަށް ކުރަށްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން، 2009 އިން ފެށިގެން 2019 އަށް ވަނީ ކުރަށްވާފައެވެ.

ޙުސައިން މުޙައްމަދު ވަނީ، މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލުމަށް އިންތިހާބުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ. ހުސައިން މުހައްމަދު އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްށެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދައިރާގައާއި ނޫސްވެރިކަމާއި ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޙުސައިން މުޙައްމަދު އަވަހާރަވީއިރު ޢުމުރުފުޅަކީ 71 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން