ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިން އާއި ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހީމް އަށް މަޖިލީހުން ރުހުންދީފިއެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މިދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. މި ދެބޭފުޅުންގެ ތެރެއިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ. ސްޕްރީމްކޯޓަށް އައްޔަން ކުރުމަށް ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހީމަށް 62 މެމްބަރުންވަނީ ވޯޓް ދެއްވާފައެވެ.

ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހެއެވެ. މިދެބޭފުޅުންނާއިއެކު ސުޕްރީމް ކޯޓުގެ ބެންޗު ހަމަވީއެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ވަނީ ސިވިލް ކޯޓްގެ ގާޒީކަންވެސް ކުރައްވާފައެވެ. މިވަގުތު ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަޤާމުގައި ހުންނެވި އަލީ ރަޝީދަކީ އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންނެވި ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް"ގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗް 7 ފަނޑިޔާރުންގެ ޢަދަދަށް ކަނޑައަޅާ ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވާފައި ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން