ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓްރީގެ މަޝްވަރާއެއްގެ ތެރެއިން: ފޮޓޯ، ގޫގުލް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓްރީގެ މަޝްވަރާއެއްގެ ތެރެއިން: ފޮޓޯ، ގޫގުލް
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި އެކުދިންގެ ކަރާމަތަށް އުނިކަން ލިބޭފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ސޯޝަލް ޑިވެލޮޕްމެންޓު މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭފަދަ މައުލޫމާތުތަކާއި، އެކުދިންގެ ކަރާމަތަށް އުނިކަން އަންނަ ފަދައިން ސޯޝަލް މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ބައެއް ފަރާތްތަކުން އާންމު ކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި މަނާ ކޮށްފައިވާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެއްވެސަ ސަބަބަކަށްޓަކައި ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލް ކުރާ ތަނުގެ މައުލޫމާތު ފަދަ އެއްވެސް ޒާތީ މައުލޫމާތެއް، ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނަމަވެސް ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެއްވެސް ވަސީލަތެއްގައި ޝާއިއު ކޮށްގެން ނުވާނެކަން އެ ގާނޫނުގައި ވަނީ ބަޔާން ކޮށްފައެވެ.

މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އޭގެ ސަބަބުން އެކުދިންގެ ކަރާމަތަށް އުނިކަން ލިބިގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެހެންވެ، މި ސަބަބުތަކާހުރެ އެފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް މީޑިއާގައި ދައުރު ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން