ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދަށް ހަވާއިރު ވަޒީރަކު ނެތުމުން ޤާނޫނީ ގޮތުން މިކަމުގައި އަމަލުކުރަންޖެހޭ ގޮތާއިމެދު އިދިކޮޅު ޕީއެންސީގެ ރައީސް ސުވާލު އުފައްދަވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން މިހާރު އިޢުލާންކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުގެ މުއްދަތު މިރޭގެ ދަންވަރު 12:00 އަށް ހަމަވާނެއެވެ. 5 ވަނަ ފަހަރަށް އިތުރުކުރި ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރެއަށް ހަމަވާއިރު، އަބްދުއްރަހީމް ވިދާޅުވާފަދަ ޤާނޫނީ މައްސަލަތަކެއް އެބަހުއްޓެވެ.

ޤާނޫނުގައި ބުނާގޮތުން އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަނީ ހެލްތު މިނިސްޓަރެވެ. ނަމަވެސް އޮޑިޓަ ޖެނެރަލް ނެރުއްވި ވެންޓިލޭޓަރުގެ އޮޑިޓް ރިޕޯޓާއިއެކު މިނިސްޓަރ އަމީން ހުންނެވީ މަޤާމުގެ މަސްއޫލިއްޔަތުން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންނެވެ. މިވަގުތު ވުޒާރާ ހިންގަވަނީ ވަގުތީ ވަޒީރެކެވެ. މިކަމާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާވީ މިއީ ޤާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދޭ ހާލަތެއްކަމަށެވެ.

"7 އޮގަސްޓް ގައި އިތުރުކުރި ސިއްޙީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު 6 ސެޕްޓެމްބަރުގައި ހަމަވާނެ. އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އެމުއްދަތު އިތުރުކުރުމުގެ ބާރު އޮތް ވަޒީރެއް މިވަގުތަކު ނެތް. ހެލްތު މިނިސްޓަރ އަމީން ހުރީ އޭނަގެ ޤާނޫނީ މަސްއޫލިއްޔަތުތަކުން އެކަހެރިވެފަ. މިނިސްޓަރ އަސްލަމަކީ އެޤާނޫނުގެ 98 ވަނަ މާއްދާގެ (ޑ) ގައި ބުނާ ސިއްޙީ ކަންކަން ބަލަހައްޓާ ވުޒާރާގެ ވަޒީރެއްނޫން" އަދުރޭ ވިދާޅުވިއެވެ.

މިހާލަތުގައި މިނިސްޓަރ އަމީން މަޤާމުން ވަކިކޮށް އާވަޒީރަކު އައްޔަނުކޮށްގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ޤާނޫނީ ހައްލެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންނޫނީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުން ނޫން ގޮތެއް މިހާލަތުގައިނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިކަމުގެ ހައްލަކީ ކޮބައިތޯ؟ މިނިސްޓަރ އަމީން މަޤާމުން ވަކިކޮށް އާވަޒީރަކު މިއަދު އައްޔަން ކުރުންތޯ؟ ނުވަތަ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރުންތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވާން ފެށުމުން ފުރަބަންދާއި ގުޅިގެން ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް އެ ލުއިތަކާއި ގުޅިގެން އޮފީސްތައް ހުޅުވާލުމާއި ޢާންމުތަންތަނަށް މީހުން އެއްވުމުގެ ސަބަބުން އަނެއްކާވެސް މިހާރު ވަނީ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައެވެ.

ފުރަބަންދާއި ގުޅިގެން ދިން ލުއިތަކާއެކު ޕޮޒިޓިވް ކޭސްތައް މަދުކުރެވިއްޖެނަމަ އަދި ޙާލަތު އިތުރަށް ގޯސް ނުވާނަމަ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިމަހުގެ މެދުތެރޭގައި އުވާލެވޭނެކަމަށް ލަފާކުރެވޭކަމުގައި ހެލްތު މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޕޮޒިޓިވް ކޭސްތައް މިހާރު އިތުވާން ފަށާފައިވާއިރު އޭގެ ތެރޭގައި ދިވެހިންގެ ޢަދަދުވެސް މިހާރު އިތުރުވާތީ ސިއްޙީ ޚިދުމަތްތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޭސްތައް އިތުރުވާނަމަ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށް އަލުން ފުރަބަންދަކަށް ދާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ހެލްތު މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން