ލޯކަލްގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑުގެ މަސައްކަތް ނުހުއްޓޭނެގޮތަކަށް ޤާނޫނަށް އިސްލާހު ގެނައި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް އިސްލާހް ހުށަހެޅުއްވީ މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންއެވެ. މިބިލް މަޖީހުން ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ވޯޓުންނެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އެލްޖީއޭގެ ބޯޑުގެ ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައިވެސް ބޯޑުގެ ޖަލްސާތައް ބޭއްވޭނެއެވެ. މިހާރު ޤާނޫނު ބުނާގޮތުން އެލްޖީއޭ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ ބޯޑުގެ ރައީސް ވަޑައިގެން ބައްދަލުވުމެއް ބޭއްވުމުންނެވެ. ބޯޑުގެ ރައީސެއްގެ ގޮތުގައި ހުންނަވަނީ ޤާނޫނު ބުނާގޮތުން ހޯމް މިނިސްޓަރެވެ.

ބޯޑުގެ މަސައްކަތް ނުހުއްޓޭނެ ގޮތަކަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެމަޤާމުގައި ހުންނެވި ބޭފުޅަކު ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ބޯޑުގެ ނައިބުރައީސްކަމަށެވެ.

އަދި އެލްޖީއޭގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސް އާއި ނައިބުރައީސަށް ޙާޟިރުވެވެން ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް އެޖަލްސާއަކަށް ހާޟިރުވެ ތިބި ބޯޑު މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން