މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ އިއްތިފާގުންނެވެ. ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ ބިލުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާ ދޭ ފަރާތުން ދޭން ޖެހޭނެ މިނިމަމް ވޭޖް ކަނޑައެޅުމަކީ ލާޒިމް ކަމެކެވެ. މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލްގައި ލާޒިމު ކޮށްފައެއް ނުވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިސްޓްރީގައި އެ ކަމަށް ލަފާ ދޭނެ ބޯޑެއް އެކުލަވާލަން ވެސް ބިލްގައިވެއެވެ.

ބިލު ހުށަހެޅި އިރު ހަތް ސިނާއަތަކަށް ވަކިވަކިން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ހިމަނާފައިވީ ނަމަވެސް މިހާރު ވަނީ ނުވަ ސިނާއަތަކަށް އެބައި އިތުރުކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ދާއިރާ، ތައުލީމީ ސިނާއަތް، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމް ސިނާއަތެވެ.

މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. އެ ބިލުގެ ދަށުން ނެރޭ ފުރަތަމަ އަމުރު 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވޭޖް ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ ޗެއާޕާސަނަކަށް ވާނީ އިކޮނޮމިކް މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތަކާއި ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރަކާއި މަސައްކަތްތެރީން ތަމްސީލުކުރާ ފަސް މެމްބަރެއް އެ ބޯޑުގައި ހިމެނޭނެ އެވެ..

ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން ބޯޑުގައި ހިމެނެން ޖެހެއެވެ. އަދި މަސައްކަތްރީންގެ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެންބަރަކު ވެސް ބޯޑުގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން