ތިން ރަށެއްގެ ފުޓުބޯޅަ ދަނޑާއި އެއް ރަށުގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ނިންމަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން މިއަދު އާރުޑީސީއާއެކު ސޮއިކުރެވުނީ ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.

އާރްޑީސީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400.00 (އަށްޑިހަ ހަހާސް ހަތަރު ސަތޭކަ) ރުފިޔާ ހޭދަވާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އދ. ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 90 ދުވަހުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އއ. މާޅޮސް ދަނޑަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މާޅޮހު ފުޓްބޯޅަ ދަނޑުގެ ތަރައްޤީީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތެވެ. މި މަސައްކަތްތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ. މި މަސައްކަތް ފުރިހަމަކުރަން ޖެހޭނީ 180 ދުވަހުގެ ތެރޭގައެވެ.

މި މަސައްކަތްތަކުގެ އިތުރަށް މިހާރު މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގަައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން