ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން ތިން މަގާމަކަށް ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަނު ކުރުމަށް ހުށަހަޅާފައިވާ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްއަސާތަކާއި ބެހޭ ކޮމިޓީއަށެވެ. އެކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 8 ބޭފުޅުންނާއި ކޮމިޓީ މަރުހަލާގައި އިންޓަވިއުކޮށްފައެވެ.

މަޖިލީހުން ރުހުން ދެއްވި 3 ބޭފުޅުންނަކީ ޑރ.އަދުހަމް އަބްދުﷲ (59 ވޯޓް)، އާމިތަނު ޝަފާއަތު އަބްދުއް ރައްޒާގު (58 ވޯޓް) އަދި މޫމިނާ ވަހީދު (61 ވޯޓް) އެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އައިމިނަތު ޝަފާއަތަކީ ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީ އާއި ބެޗެލާސް އޮފް އާޓްސްއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެވެ. އޭނާ އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހަތް އަހަރުވެއްޖެއެވެ. ރާއްޖޭންނާއި ބޭރު ގައުމުތަކުން ދާއިރާގެ ތަމްރީންތައް ލިބިފައިވެއެވެ. މުއުމިނާ ވަހީދަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިންސާނީ ހައްގުތަކުގެ ދާއިރާއާއި މެނޭޖްމަންޓް ދާއިރާގެ ނުވަ އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ރާއްޖެ އިންނާއި ބޭރު ގައުމުތަކުން ދާއިރާގެ ތަމްރީންތައް ލިބިފައިވެއެވެ.

ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަކީ ޕީއެޗްޑީ އިން ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މެނޭމެންޓް ދާއިރާގައި 13 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންސާނީ ހައްގުތަކާ ގުޅުންހުރި އެކި ދާއިރާތަކުން ދިރާސާތައް ހައްދަވާފައިވާ ބޭފުޅެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް 3 ބޭފުޅުން އައްޔަންކޮށްފައި މިވަނީ އެ ކޮމިޝަނުގެ 4 މެންބަރެއްގެ މަޤާމު ހުސްވެފައިވަނިކޮށެވެ. އަދި މީގެ ތެރެއިން ތިން މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ 8 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

އެޗްއާރުސީއެމަށް އައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން