މަޖިލީހުގެ ދައުރު ދަންމާލައިގެން ދެފަހަރަށް ހުވާކުރުވުމަށްފަހު ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ ވޯޓުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުސޫމަށް ރުހުން ދޭން ކޮމިޓީން 2 ވަނަ ފަހަރަށް ފާސްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

ފުރަތަމަ ފަހަރަށް ކޮމިޓީން ފާސްކޮށް މަޖިލިހުގެ ތަޅުމަށް އޭނާގެ ނަން ފޮނުވިނަމަވެސް އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވާތީ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރަން މަޖިލީހުން ލަފާ ދިނެވެ. އެއީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމަކަށް ވާތީ އެވެ.

ޑރ.މައުސޫމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ޑރ.މައުސޫމް އަލުން ހުވާކުރައްވަން ލަފާ ދެއްވުމާއި ގުޅިގެންނެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ މިމައްސަލާގައި މަޖިލީހުން ރުހުން ދެއްވާއިރު ޑރ.މައުސޫމް ހުވާކުރައްވާފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްލަހަތު އެކުލެވޭ ކަންކަމާއި، ވިޔަފާރިތަކުގައި ޝާމިލުވާނަމަ ވަޒީރުކަމާއި ހަވާލުވާފަހުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ. ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމު މަޤާމުގެ ހުވާކުރައްވައި، މަޤާމުގެ ފަތްކޮޅު އެންމެ ފުރަތަމަ ހަވާލު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ.

ޑރ.ޢަބްދުﷲ މަޢުޞޫމްވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް މައުސޫމް ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން