ޔަމަންގެ ހޫތީންގެ ހަމަލާތައް ކުރިޔަށް ގެންދާނަމަ އީރާނުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ބުނެފިއެވެ.

ޓްރަމްޕުގެ އިންޒާރުތައް އީރާނަށް އަމާޒުވެފައިވާއިރު އެމެރިކާގެ ހަމަލާތައް ޔަމަނަށް އަމާޒުވެ ގިނަ ބަޔަކު މިހާރުވެސް ވަނީ މަރުވެފައެވެ. އެގޮތުން މި ހަފްތާ ބަންދުގައި އެކަނިވެސް މަދުވެގެން 53 މީހުން މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި ކުށެއް ނެތް އެތައް ބަޔަކު ހިމެނެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި މި ހަމަލާތައް ދީފައިވަނީ ޔަމަންގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން ތިބި 40 އަށް ވުރެ ގިނަ އަމާޒަކަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވައިގެ ހަމަލާތައް ދިނުމަށް ރާވާފައިވާ ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ދަނީ ފަލަސްތީނުގެ ޣައްޒާގެ ދިފާއުގައި ރަތްކަނޑު ހުރަސްކުރާ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާތައް ދެމުންނެވެ. މިކަމާ އެމެރިކާއިން އަބަދުވެސް ކަންބޮޑުވާއިރު އެމެރިކާއިން އަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާއިން މިހާރު އެންމެ ކަންބޮޑުވާ އެއް ކަމަކީ އީރާނުން ޔަމަނަށް ތާއީދު ކުރާތީއެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ މިހާރު އޮތީ ކޮންމެވެސް ވަރެއްގެ ހާސްވުމެއްގެ ތެރޭގައި ކަމަށް މަސްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން