އިލެކްޓްރިކު އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ގާއިމް ކުރަނީ، ފޮޓޯ: ސްޓެލްކޯ
އިލެކްޓްރިކު އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ގާއިމް ކުރަނީ، ފޮޓޯ: ސްޓެލްކޯ
އިލެކްޓްރިކު އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ގާއިމް ކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ޓައިވާނުގެ މަޝްހޫރު ގޮގޯ ބްރޭންޑްގެ ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ކަމަށާއި، މިހާރު އެ ނިޒާމު ފަސޭހައިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެ ނިޒާމުގެ ބެޓެރީ ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމާއެކު، އޭގެ ބެޓްރީތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލާނެ ކަމަށެވެ.

މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ގާއިމް ކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި މީގެސަބަބުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ އެފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.



ސްޓެލްކޯއިން ދަނީ އިލެކްޓްރިކް ސައިކަލު ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން، ފޮޓޯ: ސްޓެލްކޯ


ފަހުމީ ވިދާޅުވީ އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށެވެ. މިއީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒަށް ވާސިލުވުމަށް އަޅަން ނިންމި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، ފަރުދުންގެ ސިއްހަތަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން