މުމްބާއީ އިންޑިއަންސްގެ ޓޫރިސްޓު ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖައްސައިފި
މުމްބާއީ އިންޑިއަންސްގެ ޓޫރިސްޓު ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖައްސައިފި
އިންޑިއާގެ ކްރިކެޓު ޓީމެއް ކަމަށްވާ މުމްބާއީ އިންޑިއަންސްގެ 2025 ވަނަ އަހަރުގެ އޮފިޝަލް ޓޫރިސްޓު ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.

މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓްޓީމެވެ. މި ޓީމުން ވަނީ ފަސް އަހަރު ކްރިކެޓް ޗެމްޕިއަންކަންވެސް ހޯދާފައެވެ.

މި ޕާޓްނަޝިޕްގެ ތެރެއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަގްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީން ބުނީ އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓްތެރޭގައި ހިމެނޭ ގައުމަކަށްވުމުން، މި ޕާޓްނަޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ޕްރޮމޯޓް ކުރެވިގެން ދާނެކަމަށެވެ.

އަދި އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ޓީމާ ގުޅުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ކްރިކެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށްވުމުން، މި ޕާޓްނާޝިޕްގެ ސަބަބުން އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާ ވެގެންދާނެކަމަށް އެމްއެމްޕީއާރްސީން ގަބޫލު ކުރެއެވެ.

މި ޕާޓްނާސިޕްގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބޭރުގެ ބައެއް ނޫސްތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން