އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް
ޗައިނާ އިން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނަން އިދިކޮޅު ފަރާތްތަކަށް ފައިސާ ޚަރަދު ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، ޗައިނާ އިން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނަން އިދިކޮޅު ފަރާތްތަކަށް ފައިސާ ޚަރަދު ކުރަމުންދާ ކަމަށާއިއެކަން އެގޮތަށް ނުކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައްވާފައެވެ. ޗައިނާ އިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް އާޒިމް ގޮވާލެއްވިއެވެ.

"އަޅުގަނޑު ޗައިނާ ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ނުވަންނާށޭ، ފައިސާ ދީގެން ތި ކަންކަން ނުކުރަށްވާށޭ. ކަނޑައެޅިގެން ޗައިނާ އިން ފައިސާ ދީގެން މި ނުރައްކާތެރި ދަނޑިވަޅުގައި މިގައުމު ހަލަބޮލި ކުރަން އެބަ މަސައްކަތް ކުރޭ. ޗައިނާ އިން އެބަ ޚަރަދުކުރޭ މިކަންކަން ކުރުމަށް. ނިކުމެ އުޅޭ މީހުންނާއި ބަހުރުވަ އަށް ބަލާލީމާ އެބައެގޭ ކާކު ކަން މި ޚަރަދު ކުރަނީ. އެކަހަލަ ކަންތައްތައް ކޮށްގެން އިދިކޮޅުން ހުރިހާ ގޯހެއް ހަދަމުން މިދަނީ." އިދިކޮޅުން ހިންގާ ހަރަކާތްތަކުގެ ތުހުމަތު ޗައިނާގެ ބޮލުގައި އަޅުވަމުން އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިސަރުކާރު ފަސް އަހަރު އޮވެއްޖެނަމަ އިދިކޮޅު ފަރާތައް ވެސް ނެތިގެން ހިގައިދާނެ ކަމަށެވެ. ކޮވިޑަށް ވެކްސިނެއް ލިބި މިހާލަތުން އަރައިގަތުމުން މި ސަރުކާރު ކުރިއަށް އޮތް ތިން އަހަރު އާދަޔާ ޚިލާފަށް ކުރިއަށްދާތަން ފެންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ބޯހިޔާވަހިކަމާއި ނަރުދަމާ އާއި ބަނދަރު ހެދުމާއި މިސްކިތް އިމާރަތް ކުރުމާއި ތަރައްގީގެ އާދަޔާ ޚިލާފު ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރުން ހިންގާތަން ފެނިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެބޭފުޅުން ( އިދިކޮޅުން) އެބަފެނޭ އަޅުގަނޑުމެން ކުރާ މަސައްކަތް. ހަޖަމު ނުކުރެވިގެން ކެތް ނުކުރެވިގެން އެމަސައްކަތް އެކުރަނީ މިވަގުތު ވައްޓާލިއްޔާތާ ސަރުކާރަށް ކަމެއް ނުކުރެވޭނީ، މި ސަރުކާރު ވަރަށް ގިނަ ދުވަހު ދިގު ދެމިގެންދާނެ ކަން މިއެގެނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެކަން، ކުރަން ފަށާފައި ހުރި ކަންތައްތަކާއި ޕްލޭން ކޮށްފައި ހުރިކަންތައްތަކުން." އާޒިމް ވިދާޅުވިއެެވެ.

އާޒިމް ވިދާޅުވީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގައި ކުރީ ސަފުގައި މިއަދު ތިބީ ކުރީ ސަރުކާރުގައި ނުހައްގު ފައިސާ އާއި ނާޖައިޒު ފައިދާ ހެސްކިޔާފައި ހޯދި ބޭފުޅުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިއަދު މަސައްކަތް ކުރަނީ ކުރީގެ ސަރުކާރުން ހިންގި ވައްކަމާ ޚިޔާނަތްތަކުން ރެކެން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އިދިކޮޅުގެ ކުރީ ސަފުގައި ތިބި ބޭފުޅުން ކިހާ ފައިސާ އެއް ކޮންތާކުންތޯ ނެގީ އެބައެނގޭ، އަބުދުއްރަހީމް ވިޔަސް، ޝިޔާމް ވިޔަސް މުއިއްޒު ވިޔަސް މައްސަލަތައް ބަލަން ފަށައިފިއްޔާ އޭގެ އެއްވެސް ބޭފުޅަކު ސަލާމަތެއް ނުވާނެ. ކުރީގެ ސަރުކާރުން ދައުލަތް އެއްކޮށް ޖީބަށް ދެ ފައިކެޓަށް ލާފައި މިބުނަނީ އެމްއެމްއޭ އަކު ފައިސާ އެއް ނެތޭ ބަނގުރޫޓް ވެއްޖެޔޭ، ދައުލަތް ހިންގާކަން ނޭގެޔޭ. މި ވާހަކަތައް މިދައްކަނީ މި ބޭނުންތަކާއި ހެދި އެމީހުން ނޫޅޭ ޔާމިން ސަލާމަތް ކުރާކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން އެމަސައްކަތް އެބޭފުޅުން ކުރާކަމަކަށް." އާޒިމް ވިދާޅުވިއެވެ.

ޗައިނާ އިން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނަން އިދިކޮޅު ފަރާތްތަކަށް ފައިސާ ޚަރަދު ކުރަމުންދާ ކަމަށް އާޒިމް ތުހުމަތުކުރެއްވިއިރު ކުރީގެ އިކޮންމިކް މިނިސްޓަރު އަދި ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ސިއްރު ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންނެވި ކަމަށް ވަނީ އަޑު ފެތުރިފައެވެ. ސައީދުގެ މި ދަތުރުފުޅުގައި ޖަލުގައި ހުންނެވި ރައީސް ޔާމިން މިނިވަންކުރުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ޗައިނާ ސަރުކާރާއި ވާހަކަ ދެއްކެވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.

ނަމަވެސް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ޗައިނާއަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއެކު ރާއްޖޭގެ ތަރައްގީއަށް އެހީތެރިވާ ބައިވެރިއެއް ކަމަށެވެ. ޗައިނާއިން ރާއްޖޭގެ އެތެރޭގެ ސިޔާސަތުތަކަށް ގޮތްކިޔައި ބެހި ނުހަދާނެ ކަމަށް ވެސް ޗައިނާ ސަފީރު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން