އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތުބުމާއިމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ ކެމްޕެއިންގައި ދިވެހި އަސްކަރިއްޔާ ބައިވެރި ކޮށްފައިވާކަމީ ހިތާމަހުރި ކަމެއްކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި، އިންޑިއާއަށް ޤައުމު ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކަށް އިއްޔެ ދިވެހި އަސްކަރިއްޔާއިން ވަނީ ޖަވާބުދާރީ ވެފައެވެ. ދިވެހި އަސްކަރިއްޔާ އިން ބުނެފައިވަނީ ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށެވެ. ނަމަވެސް އެނޫން ބައެއް ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފައިނުވެއެވެ.

ދިވެހި އަސްކަރިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެތެރޭގައި އޮންނަ ސިޔާސީ ވާދަވެރިކަމުގެ މަސައްކަތްތަކާއި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން އަވަށްޓެރި ޤައުމުތަކާއި މެދު އުފެދޭ ނުތަވަސްކަން ކުޑަކުރުމަށް ދިވެހި އަސްކަރިއްޔާގެ ބޭނުންކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

ދިވެހި އަސްކަރިއްޔާއަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރި ކުރުމުގެ މަސައްކަތް ކުރައްވާ ފަރާތައްވާއިރު، އެބޭފުޅުން ލައްވައި ކުރަން ނުޖެހޭ ކަންކަން ކުރުމަކީ ހިތާމަ ހުރިކަމެއްކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ފެއިލްވާ ކޮންމެ ފަހަރަކު އެކަން ނެގެ ހެއްޓުމަކީ ދިވެހި އަސްކަރިއްޔާއިން ކުރަންޖެހޭ ކަމެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖެ - އިންޑިޔާ ގެ ނުތަނަވަސްކަން ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ ކެމްޕެއިންގައި އެންމެ ފަހުން ދިވެހި އަސްކަރިއްޔާވެސް ބައިވެރި ކޮށްފި. ދިވެހި ސިފައިންގެ ޔުނިފޯމަކާއި އެކަމެއް ނުގުޅޭ. ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ސިޔާދަތުގެ އައްޑަނަ. ދިވެހިންގެ ފަޚުރު." ކުރީގެ ޑިފެންސް މިނިސްޓރަ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިޔާގެ ސިފައިން ހަރަކާތްތެރިވެ އިންޑިއާ ސިފައިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ނެތް ކަމަށެވެ.

ޝަމާލް ވިދާޅުވީ ކައިރި މުސްތަޤުބަލެއްގައި ދިވެހި ޕައިލެޓުން ހެލިކަޕްޓަރު ދުއްވަން ފަށާނެ ކަމަށެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ދިވެހި ޕައިލެޓުންނަށް ނުދީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ހެލިކޮޕްޓަރު ދުއްވަމުން ގެންދާ މައްސަލައިގައި ސަރުކާރަށާއި ރާއްޖޭގެ ދިފާއީ ބާރަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ ހެލިކޮޕްޓަރު ދުއްވުމާއި ބެލެހެެއްޓުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ފައުޖުގެ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ތިބޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން