ކޯވިޑް-19ގެ ބަލިމަޑުކަން މުޖުތައުގައި ފެތުރޭ މިންވަރު ކުޑަކޮށް ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ބަލާއިރު މިހާރު އަޅާފައިވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ދެބައިކުޅަ އެއްބައި ކަމަށް ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާތަކުން ގުޅިގެން ކޯވިޑާއި ދެކޮޅަށް ކުރަމުންދާ ކެންޕެއިންގައި ދައުލަތުގެ މީޑީޔާއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޝީނާ ވިދާޅުވީ މިވަރަށްވެސް ފިޔަވަޅު ތިރިކޮށް މަދު ފިޔަވަޅުތަކަކާއިކު ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވަނީ މުޖުތަމައުގައި ހިނގާ ކަންކަން ހުއްޓުމެއްނެތި، ރަށްޔިތުންނަށްވެސް އުނދަގޫ ނުވާނެހެން ކަންކަން ބައްޓަންކުރުމުގެ ގޮތުން ކަމަށެވެ.

ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން އެކަމުގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ރައްޔިތުންނަށް ކޮށްފައިވާއިރު މިކަން ކުޑަކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުމަކީވެސް މިހާލަތުގައި މުހިންމު ކަމެއްކަމަށް ޝީނާ ވިދާޅުވިއެެވެ. ނަމަވެސް މިދެވިފައިވާ ލުއިތަކާއި އެއްގޮތަށް އަމަލުނުކުރެވޭކަމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލޮކްޑައުންކޮށް ނަގާފައިވާ ފިޔަވަޅުތަކުން އޭރު ނަތީޖާ ވަރަށްބޮޑަށް ފެނުނު. އެކަމަކު މިހާރު މިނަގާފައިވަނީ ދެފަރާތްވެސް ހަމަހަމަވާނެހެން ބެލެންސްކޮށް ނެގިފައިވާ މެޝާޒްތަކެއް. އެންމެބޮޑު އަމާޒަކީ ބަލީގައި ފަރުވާދޭންތިބި ހިދުމަތްތެރިން ވަރުބަލިނުކޮށް މަރުވާ މީހުންގެ އަދަދުވެސް މަދުކުރުން." ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވީ މިމަހުގެ ފަހުކޮޅަށްދާއިރު ދީފައިވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަބައިގެން ރައްޔިތުންގެ އަމަލުތައް ބެހެއްޓިއްޖެނަމަ އަދަދުތައް ކޮންޓްރޯ ވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް ކޯވިޑް އެންމެ ފުރަތަމަ ފެނުނު އިރާއި މިހާރާއި އަޅާބާލާއިރު މީހުންގެ ދިރިއުޅުމަށްވެސް ވަރަށްބޮޑު ބަދަލުތަކެއް އައިސް، އާންމު ދިރިއުޅުމުގައި އުޅޭތަން ފެންނަކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ. މި ކަންބޮޑުވުން އޮތޮމުން ސީދާ ޔަގީންކަމާއިއެކު މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅަށްވެސް ބަލީގެ ނުރައްކާ ކުޑަވެދާނެކަމަށް ދަންނަވަން ދަތިކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

"މީތި ދަށްވާނީ މީހުންގެ ބިހޭވިޔާ ހުންނަ ގޮތަކަށް. މީހުންގެ ދިރިއުޅުން ހުންނަ ގޮތަކުން ބަލި ކޮންޓްރޯލްވާނީ. އަޅުގަނޑުމެން އުންމީދު ކުރަނީ މިމަހުގެ ފަހުކޮޅުން ފެށިގެން ދެން ރަނގަޅު ޓްރެންޑެއް ފެނިގެންދާނެކަމަށް." ޑރ.ޝީނާ ވީދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ މިހާރުއޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު ފަރުވާދިނުމަށް ތައްޔާރުކުރި ފެސިލިޓީތައް ފުރި ފަރުވާދޭންތިބި ޑޮކްޓަރުންނާއި ނަރުހުން އެއްވެސް އަރާމެއްނެތި މަސައްކަތް ކުރަން ޖެހުމުން ވަރަށް ބޮޑަށް ވަރުބަލިވެފައިވުމުގެ މައްސަލަ ކަމަށެވެ.

ރާއްޖޭގައި ކޯވިޑްގެ މިހާރުގެ ހާލަތަށްބަލާއިރު ފާއިތުވިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. ކޮންމެ ދުވަހަކުވެސް ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭއިރު ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިކަމުގައި ޑޮކްޓަރުންނާއި ސިއްޙީ ހިދުމަތްތެރިންދަނީ ދެއްވާފައިވާ އިރުޝާދުތަކަށް ބޯލެބުމަށް އާންމު ރައްޔިތުންނަށް ތަކުރާރުކޮށް އިލްތުމާސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން