ސިނގިރެޓް ކާޓަން ބޭރުކުރަން އުޅުނު މައްސަަލައިގައި ހައްޔަރުކުރި މީހުން
ސިނގިރެޓް ކާޓަން ބޭރުކުރަން އުޅުނު މައްސަަލައިގައި ހައްޔަރުކުރި މީހުން
އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރެޓް ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނިކޮށް އަތުލައިގަތް ދެ މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ގިނަ އަދަދެއްގެ ސިނގިރެޓް ކާޓަންތަކެއް ބޭރުކުރަން އުޅެނިކޮށް އެކަން ހުއްޓުވީ ކަސްޓަމްސްއިން ނެވެ. އަދި އެ މައްސަަލަ ކަސްޓަމްސްއިން ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މ. ސިލްވާ ވެސްޓް/ އަހުމަދު އަފްސަލު (45އ.) އާއި ދަފްތަރު ނަންބަރު އާރުއެސް 14358، ޔޫސުފް ނަޒީރު (38އ.) ހައްޔަރުކުރި ކަމަށެވެ.

ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަރުތުތަކާއެކު ދެ މީހުންވެސް ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަޗެސް އެ ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ނުދެއެެވެ.

އެ މައްސަަލައިގައި ހައްޔަރުކޮށް ދޫކޮށްލި ނަޒީރު އަކީ ފުލުހެކެވެ، އެ މައްސަލައިގައި އޭނާގެ މައްޗަށް ފުލުހުންގެ އިދާރާއިން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ސާފެއް ނުވެއެވެ.

މިދިޔަ ޑިސެންބަރު މަހު ދުންފަތް ކޮންޓްރޯލްކުުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުުރުކޮށްފަ އެވެ.

އެހެންވެ ސިނގިރޭޓުގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. އަދި އެއާއެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅޭ މައްސަލަަތައް ވެސް މި ފަހުން ވަނީ އިތުރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން