ޑްރަގު ރިހެބިލިތޭޝަން ސެންޓަރު، ފޮޓޯ: ގޫގުލް
ޑްރަގު ރިހެބިލިތޭޝަން ސެންޓަރު، ފޮޓޯ: ގޫގުލް
ހިންމަފުށީގައި ހުންނަ ޑްރަގު ރިހެބިކިޓޭޝަން ސެންޓަރުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭއިން) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ މިހާރު އެ ސެންޓަރުގައި ހުރީ 200 މީހުންނަށް ފަރުވާ ދެވޭ ކެޕޭސިޓީއެއް ކަމަށެވެ. އެހެންނަމަވެސް ފަރުވާއަށް ބޭނުންވާ އެތައް ބަޔަކު މުޖްތަމައުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިހާރު ހުރި މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށެވެ. އެހެންވެ، މިހާރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރާޝިދު ވަނީ ވިދާޅުވެފައެވެ.

ރާޝިދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް އިތުރުކޮށް އެ ތަންތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، އެފަދަ މަރުކަޒުތައް މަރާމާތުކޮށް، ފަރުވާ ދެވޭނެ ޖާގަ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވާނީ ފާހަގަ ކޮށްފައެވެ.

ރާޝިދު އިތުރަށް ވިދާޅުވީ މި ދައުރު ނިމޭއިރު ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރަށް މިހާރު ޖާގަ ހުރި މިންވަރަށްވުރެ 1000 މީހުންގެ ޖާގައަށް އިތުރުކުރެވޭނެ ކަމަށެވެ.

މި ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެތަނުގައި ބައިތިއްބައިގެން، އެމީހުން އިސްލާހު ކުރުމުގެ ގޮތުން ފަރުވާގެ ޕްރޮގްރާމުތައް ހިންގައިދީ، މަސްތުވާތަކެތީން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން