ޑީއާރުޕީން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޕާޓީގެ ލީޑަރޝިޕާއި އިލެކްޝަން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ މިއަދުގެ މިބައްދަލުވުމާއި ގުޅިގެން އެކޮމިޝަނުން ބުނީ މިބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީއާރުޕީ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ޑީއާރުޕީގެ ލީޑާރޝިޕްގައި ހިމެނޭ ބޭފުޅުންނާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްކަމަށެވެ. މިބައްދަލުވުމާއި ގުޅޭގޮތުން ޑީއާރުޕީން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކައިވާ މައްސަލާގައި ޑީއާރުޕީއާއި ދެކޮޅަށް ދައުވާކުރަން އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި ކޯޓަށް ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޑީއާރުޕީއާއި ދެކޮޅަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ތިން އަހަރެއްގެ އަހަރީ ރިޕޯޓާއި، އޮޑިޓްރިޕޯޓް އިލެކްޝަން ކޮމިޝަނަށް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ތަކުރާރުކޮށް ޑީއާރުޕީއަށް ރިޕޯޓްތައް ހުށަހެޅުމަށް އަންގައި، ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުން އެފައިސާ ދެއްކުމަށްވެސް އަންގާފައިވާއިރު، ސިޔާސީ ޕާޓީތަކުން ޤާނޫނުގެ ތެރެއިން ކަންކަން ކުރުމަށްވެސް އެޕާޓީއަށް އަންގާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. ޚާއްސަކޮށް ކޮންމެ ޕާޓީއަކުންވެސް އެޕާޓީއަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އޮންނަ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ޑީއާރުޕީން ޤާނޫނުގައި ވާ ގޮތަށް ފައިސާ ނުދައްކާފައިވާ މުއްދަތުގައި އެޕާޓީގެ ހިންގުމާއި ހަވާލުވެ ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނާޝިދު) އެވެ. ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. މިހާރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޗެއާމަން ޢަބްދުﷲ ޖާބިރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން