ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމަތް ރައްކާތެރިކޮށް، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ޑިސެބިލިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިމަހު 24 ވަނަ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން "ކާލާ ބައިސާ" ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވަނީ ވާހަކަތަކެއް ދައްކާފައެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅު ކޮށްފައިވާއިރު، މިކަން ކުއްވެރިކޮށް ޑިސެބިލިޓީ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

ޑިސެބިލިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ހާއްސަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް ހުރިހާ ފަރާތްތަކަކުން އިހްތިރާމްކުރުމަކީ އެފަރާތްތަކަށް ލިބިގެންވާ ހައްގެއްކަމަށް ޑިސެބިލިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން އެ ކައުންސިލުން މިކަން ކުއްވެރި ކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ޑިސެބިލިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން