ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށް، މެމްބަރު މުހައްމަދު ހައިތަމް ވިދާޅުވުމުން އެކަން ރަނގަޅު ކޮށްދެއްވައި، ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏެއް ކަމަށް ކުރީގެ ޕީޖީ އަލްއުސްތާޒު އަހުމަދު މުއިއްޒު ވިދާޅުވުމުން އެކަމާމެދު ބޮޑު ބަހުސެއް ކުރަން ފަށައިފިއެވެ.

އެކައުންޓްތަކުން ފައިސާ ކެނޑުމާއި، ކާޑުގެ މަޢުލޫމާތުތަކުގެ ސިއްރު ނުހިފެހެއްޓޭ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރު ކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާއިގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެ އޭނާ އެ ސިޓީއާއިއެކު ކުރެއްވި ޓްވީޓް ޓެގް ކުރައްވައި ކުރެއްވި ޓްވީޓްގައި މުއިއްޒު ވަނީ އެސިޓީގައި ބީއެމްއެލްއަކީ ސަރުކާރުގެ ކުންފުންޏެއްކަމަށް ވިދާޅުވެފައިވާ ވިދާޅުވުން މެމްބަރު ހައިތަމަށް އޮޅުން ފިލުވައި ދެއްވާފައެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ސަރުކާރުގެ ކުންފުންޏެއް ނޫންކަމަށާއި، ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏެއްކަމަށެވެ. މިއަށްވުރެ އިތުރު އެއްވެސް އެއްޗެއް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައެއް ނުވެއެވެ.

މި ޓްވީޓަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ މަޖިލީހުގެ މެމްބަރުންނަށް މިފަދަ ކަންކަން ރަނގަޅަށް އެނގިވަޑައި ނުގެން ތިއްބަވައިގެން ޒިންމާދާރު ފަރާތްތައް މަޖިލީހަށް ހާޒިރު ކުރަން އުޅެނީ ކޮން ނިޔަތެއްގައި ކުރަން އުޅޭ ކަމެއްކަމާއިމެދު ސުވާލުކޮށްފައެވެ.

އަދި ޤައުމުގެ އެންމެ ބޮޑު ބޭންކު އާންމު ރައްޔިތުންގެ ކުރިމައްޗަށް ގެންނަ ކަމަށްބުނެ ބޭންކުގެ ހުރުމަތާއި އަގުވެއްޓޭފަދަ ގޮތަކަށް މިފަދަ ކަންކަން ކުރުމަކީ މަޖިލީހުގެ ބާރާއި ނުފޫޒު އޮތް މިންވަރު އެހެން ފަރާތްތަކަށް ދެއްކުމަށް ކުރާ ކަމެއްކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

މި ޓްވީޓަށް ކޮމެންޓްކޮށްފައިވާ ބައެއް މީހުން މުއިއްޒުގެ ޓްވީޓް މާނަކޮށްފައިވަނީ، ބީއެމްއެލް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަކީ ނުކުރެވޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވާ ކަމަށް ދޭހަވާ ގޮތަށެވެ. އަދި މުއިއްޒުގެ ޓްވީޓް އެގޮތަށް މާނަކޮށް ބައެއް މީހުން ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. ނަމަވެސް މުއިއްޒުގެ ޓްވީޓުން އެފަދަ އެއްވެސް މާނައެއް ނުކުރެވޭކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލް އާ ގުޅޭ ގޮތުން ރައްޔަތުން ވަރަށް ގިނަ ޝަކުވާތައް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންދާ ކަމަށެވެ.

އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަން ތަކަށް އެއްފަަހަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީ ވާން ޖެހޭ ވަރަށް ޖަވާބުދާރީ ނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.

ރައްޔިތުން ފާހަގަ ކުރާ ޝަކުވާތަކަށް ބީއެމްއެލުން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބު ދާރީ ވެފައިވާތަން ނުފެންނަ ކަމަށް ހައިތަމް ފާހަގަ ކުރައްވާފައި ވެއެވެ.

މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ރައްޔިތުން ބައިވެރިވެ އެބޭފުޅުންނަށް ސުވާލު ކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން