ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ހާއްސަ އިރުޝާދުތަކެއް ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ކޮންމެހެން މާ މޮޅު ސެޓްފިކެޓެއް އޮންނަންޖެހޭ ކަމެއް ނޫންކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އަދި އިމާމުން ސަމާލުކަންދޭންވީ ކަންތައްތަކެއް ޝަހީމް ވަނީ ވިދާޅުވެދެއްވާފައެވެ.

އެގޮތުން، ​މިނިސްޓަރު ވިދާޅުވީ މިސްކިތް ކައިރީގައި އެހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގެތައް ހުރިނަމަ، ތާޅަފިލީގެ އަޑު ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގައި އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއްކަމަށް ޝަހީމް ވިދާޅުވެފައިވެއެެވެ.

ނަމަވެސް ނަމާދު ވަގުތު އިއުލާންކުރުމަށް ތާޅަފިލީގެ އަޑު އެކަށީގެންވާ މިންވަރެއްގައި ބަހައްޓަންޖެހޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖަމާއަތުގައި ނަމާދުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރުމާއި، ކުޑަކުދިން ރޯ އަޑު އިވިއްޖެނަމަ ނަމާދު އަވަސްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ހާލަތްތައް އަންނަ ވަގުތުތަކުގައި މިސްކިތްތަކުގެ އިމާމުމް ފިގުހުވެރިވެ އެކަންކަމުގައި ފަސޭހަ ގޮތްތަކަށް އަމަލު ކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި އަމަލުކުރުމަށް ދަނެގަތުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން