ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް (ވ).
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް (ވ).
ކޯވިޑް-19 އާ ގުޅިގެން ރައްޔިތުން މިވަގުތު ތިބީ ވަރަށް ދަތިޙާލަތުގައި ކަމަށާއި، އެހެންކަމުން އަސާސީ ޚިދުމަތްތަކުގެ ބިލް ނުދެއްކުނު ނަމަވެސް ޚިދުމަތް ކަނޑާނުލެއްވުމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބާރުވެރިކަން މިވަގުތު އޮތީ ސަރުކާރު ކުންފުނިތަކުގައިކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ރައްޔިތުންތިބީ އެ ކުންފުނިތަކުން ކަނޑައެޅި އަގުތަކަށް ތަބާވެގެން ކަމަށެވެ. އަދި އެ ކުންފުނިތަކުގެ އުސޫލުތަކަށް ތަބާވެ ޤަވާއިދުން ރައްޔިތުން ދިޔައީ ބިލްތައް ދައްކަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެ އަދިވެސް އޮތީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށާއި، މިއަދު ރައްޔިތުންނާއި ވިޔަފާރިވެރިން އެދެނީ ޚިދުމަތްކަނޑާނުލައި ވަގުތު ދިނުމަށްކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކަށް މި ދަތިޙާލުގައިވެސް ސަރުކާރުގެ ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމަށާއި އެހެންކަމުން ރައްޔިތުން ޙާލުގައި ޖެހުނު ވަގުތު އެ ކުންފުނިތަކުގެ އެހީތެރިކަން ރައްޔިތުންނަށް ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"ސަރުކާރުގެ ފަރާތުން ހިންގާ އަސާސީ ޚިދުމަތްދޭ ކުންފުނިތައް ހިންގަނީ ޢާއްމު ރައްޔިތުމީހާ އާއި ކަންމަތީ ފިހާރައިގެ ސޭޓު ދޭ ފައިސާއިން. ދަޢުލަތް ހިންގަނީ ވިޔަފާރިވެރިޔާ އާއި ޢާއްމު ރައްޔިތު މީހާ ކުރާ މަސައްކަތުގެ ބައިކުޅަބައި ދީގެން. އެހެންކަމުން އެ އިންޖީނުތައް ސަލާމަތް ކުރަން ޖެހޭނީ ސަރުކާރުން." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވާކަން ފާހަގަކުރަށްވަމުން ޝަރީފް ވިދާޅުވީ، މީގެކުރިން ސަރުކާރަށް ޢާމްދަނީ ހޯދައިދިން އިންޖީނުތައް މިއަދު ހުއްޓިފައިވަނީ ކޯވިޑް-19 އާ ގުޅިގެން ކަމަށާއި އެހެންކަމުން މިއަދު އެ އިންޖީނުތައް ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމަށް އާމްދަނީ ވަންނަ އާންމު ވިޔަފާރިތައް ހުއްޓި ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހޯދަން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓި ގިނަ ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ ވެސް ވަނީ މުޅިންހެން ހުއްޓިފައެވެ. މިހާލަތުގައި އަސާސީ ޚިދުމަތްތަކުގެ ބިލްތައް ދެއްކުމަށް ގިނަ ބަޔަކު ވަނީ ނުކުޅެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން