އިކޮނޮމިކް މިނިސްޓްރީއާއި އެމިނިސްޓްރީއާއި ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ފެށި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް، ހުއްޓާލާކަށް އޭޑީބީން އަންގާފައި ނުވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢާއި ގުޅިގެން ރާއްޖޭގެ މީޑީޔާއަކުން ފަތުރަމުންދާ މައުލޫމާތުތަކާއި ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ މިމަސައްކަތާއި ހަވާލުވެ ހުންނެވި ފަރާތުން ވިދާޅުވީ މިމަސައްކަތް ހުއްޓާލުމަށް ނުވަތަ މަައްކަތް ކުރިއަށް ގޮސްފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން މަސައްކަތް ހުއްޓާލުމަށް އޭޑީބީން އަންގާފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން މި ޕްރޮޖެކްޓްގައި މިހާތަނަށް އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށް. އަދި އޭޑީބީން މިކަމުގައި މިހާތަނަށް އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވޭ މިކަމުގައި ކޮރަޕްޝަން އެކުލެވޭކަމަކަށް." ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މައްސަލަ ދިމާވެފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. މި ކުންފުނި ހޮވީ، ބީލަމަށް ހުޅުވާލުމުން މިދިޔަ ޖޫން މަހު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅިތާ ވެސް ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ. އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބިޑް ޕްރޮސެސިންގައި މިކަމުގައި ބައެއް އޮޅުވާލުންތަކެއް ހުރިކަން ހާމަވި ހިސާބުން މަސައްކަތް ހަވާލުކުރި ވެބް ފޮންޓެއިންއާއި އެކު ވީއެއްބަސް ވުން ބާތިލްކޮށް އަލުންމިމަސައްކަތް އިއުލާންކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް މިމަސައްކަތް ހުއްޓުވުމަށް މިހާތަނަށް އެއްވެސް ފަހަރަކު އޭޑީބީން އަންގާފައި ނުވާކަމަށް ފިނޭންސުން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އޭޑީބީން ލަފާދީފައިވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް ދެފުށްފެންނަ ބީލަމެއްގެ ތެރެއިން އަލުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ. އަދި މިކަމާއި ގުޅިގެން އޭޑީބީން ދެމުންދާ އެހީތެރިކަމަށް ބުރޫއަރާނެކަމަށް ބުނެ ރާއްޖޭގެ މީޑީޔާއަކުން ފަރުތަރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއު ވެބް ފޮންޓެއިންއާ ހަވާލުކުރީ މިކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކެއް ހިމެނޭ ޓެކްނިކަލް ކޮމިޓީން ނިންމައިގެންނެވެ. އެ ކޮމިޓީގައި، އެނގިފައިވާ ގޮތުގައި، އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ފަތުހީ

08-Sep-2020

އެހެންވެސް ކީ ކަލޭމެން ތިހެންވެސް ތި ކިޔަނީ ހަމަ ކަލޭމެން އަހުރުމެން މިތެބީ ލޯ ދިއްކޮށްގެން ބަލަން، އަސްލު ކިހިނެތްތަ ވެގެން މިއުޅެނީ؟ އޭޑީބީ ކަލޭމެންނަށް ރުޅިއައީ!



ޓްރެންޑިން