އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ މިމަހުގެ ފަހުކޮޅުގައި ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ، އަވަސް މުސްތަގުބަލެއްގައި ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. ދުރުނޫން މުސްތަގުބަލެއްގައި މިކުރާ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ މިހާރު އަޅަމުންގެންދާ ފިޔަވަޅުތަކުގެ ނަތީޖާ މިމަހު ފަހުކޮޅު ފެންނާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އެހެންނަމަވެސް ރަނގަޅު ނަތީޖާއެއް ނިކުންނާނީ ރައްޔިތުންގެވެސް މަސައްކަތުން ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

"މިއަޅާ ފިޔަވަޅުތަކުގެ ޖުމުލަ ފައިދާ ފެންނާނީ އެއްކަމަކަށް ވަގުތު ނަގާނެ ކަމަށް އޭގެ ނަތީޖާ ފެނުމަށް. އެންމެ އަވަހަށް ވެސް ދެ ހަފުތާ، ފާހަގަކޮށްލެވޭ ފަދަ ތަފާތެެއް ފެންނަން ތިން ހަފުތާ ވަރު ނަގާނެ ކަމަށް އަޅުގަނޑުމެން މި ބުނަނީ ކޮންމެ ހަފުތާ އަކުން ވެސް އަޅާފައިވާ ފިޔަވަޅުތަށް ރިވިއު ކުރެވޭނެ، ރިވިއު ކޮށްފައި އެ ފިޔަވަޅުތައް ދަމަހައްޓާނީތޯ ބަދަލެއް ގެންނާނީތޯ ނޫނީ އިތުރުކުރާނީތޯ މަދުކުރާނީތޯ ނިންމޭނެ، މިވަގުތު މި ނިންމުނީ މިހާރު ހުރި ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ކުރިއަށް ދިޔުމަށް." ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރުވެސް ރައްޔިތުން އެއްބާރުލުންދެމުން ދާތަން ފެންނަ ކަމަށާ ކުރިއަށް އޮތްތަނުގައިވެސް މި ނަތީޖާ ނެރުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މުޅިން އައު ބައްޔެއް ކަމުން މިކަމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަން ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ގޮންޖެހުން އޮތީ ހަމައެކަނި ސިއްހީ ދާއިރާއަށް އެކަނި ނޫން ކަމަށާ އިގްތިސޯދީ އަދި އިޖްތިމާއި ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެންނަށް އެއްބަސް ނުވެވިދާނެ ކަމަށާ އެހެން ނަމަވެސް މަސައްކަތް ކުރަންވީ އެއްބަސްވެވޭ ހިސާބެއްގައި ނަތީޖާ ނެރެން ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވާނެ ކަމަށް އަންދާޒާކުރެވެނީ މިމަހުގެ ފަހުކޮޅުގައި ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވަނީ ލަފާކުރައްވާފައެވެ. ކޮވިޑާއި ގުޅިގެން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. މީގެއިތުރުން ރޭގަނޑު 8 ގެ ފަހުން މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ރޭގަނޑު 10 ގެ ފަހުން މާލެ ސަރަހައްދުގައި އަންނަނީ ކާފިޔު ވެސް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން