ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު (މ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު (މ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލާގައި އޭނާގެ ފަރާތްޕުޅުން 28 ހެއްކެއް ޖޭއެސްސީއަށް ހުށައަޅުއްވައިފިއެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓަށް އަޒްމިރަލްދާގެ ފަރާތްޕުޅުން ފޮނުއްވި ޖަވާބުގައި މި ހެކިތައް ވަނީ ހުށައަޅުއްވާފައެވެ. މިކަން ހާމަކުރެއްވީ ޑރ. އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލެވެ.

އެގޮތުން ޑރ. އަޒްމިރަލްދާގެ ފަރާތްޕުޅުން ޖޭއެސްސީއަށް ވަނީ ކިތާބީ 17 ހެއްކާއި ޝަފައީ 11 ހެކި ހުށައަޅުއްވާފައެވެ. އަދި ޝަފައީ ހެކިންގެ ހެކިބަސް ނެގުމަށްވެސް އަޒްމިރަލްދާގެ ފަރާތްޕުޅުން އެދިލައްވާފައިވެއެވެ.

ހަމައެއާއެކު އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މިމައްސަލަ ބެލުމަށް ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށް ކަމަށާއި އަދި ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށްވެސް ވަކީލް ޝަމީލް ފާހަގަ ކުރަށްވާފައިވެއެވެ.

އޭގެ އިތުރުން އަޒްމިރަލްދާގެ ފަރާތްޕުޅުން ޖޭއެސްސީއަށް ޖަވާބުދާރީވުމަށާއި ދިފާއުވުމަށްވެސް އެކޮމިޝަނުން ހުރަސްއަޅާފައިވާ ކަމަށާއި އެއްވެސް ހާމަކަމެއްނެތި ތަހުގީގު ނިންމުމަށް ފަހު ފޮނުވި ފުރަތަމަ ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާކަމަށްވެސް އަޒްމިރަލްދާގެ ފަރާތްޕުޅުން ފާހަގަ ކުރަށްވާފައިވެއެވެ.

އެހެންކަމުން މިމައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް އަޒްމިރަލްދާގެ ވަކީލް ވަނީ ޖޭއެސްސީގައި އެދިވަޑައިގެންފައެވެ.

އަޒްމިރަލްދާގެ ފަރާތްޕުޅުން 28 ހެއްކެއް ޖޭއެސްސީއަށް ހުށައަޅުއްވާފައިވާއިރު ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން އެ ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވެއެވެ. އަދި ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޑރ. އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ އޭނާގެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން