ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ސީދާ ހަރަކާތަކަށް ގޮސްގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށާއި، އެކަން ކުރެވޭނީ އިންތިޚާބަކުން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެެވެ.

ރޭ މީޑިއާގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ސީދާ ހަރަކާތަކަށް ގޮސްގެން އިންޑިޔާ ސިފައިން ބޭލުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާ އެއް ނުފެންނާނެ ކަމަށެވެ. ޙަރަކާތަކަށް ގޮސްގެން މިކަން ކާމިޔާބު ކުރެވެން ނެތް ކަމަށާއި، މިކަން ހަމަޖެއްސޭނީ އިންތިޚާބަކުން ކަމަށް އުމަރު ވިދާޅުވިއެވެ. ދެން އަންނަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓެެއް ކަމަށާއި އެ އިންތިޚާބަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ބޭލުމާއި މެދު ނަގާ ވޯޓެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"އެމްޑީޕީ ވެރިކަމަށް އައީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން، އައުމަށްފަހު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވަރަށް ބޮޑު މެޖޯރިޓީއެއް ނަގައިގެން މިތިބީ ހަރަކާތަކަށް ގޮސް ހަޅޭލެވިދާނެ އިހުތިޖާޖް ވެސް ކުރެވިދާނެ އެކަމަކު ނަތީޖާ އެެއް ނުނިކުންނާނެ. ހަރަކާތަކުން ނަތީޖާ އެއް ނުނެރެވޭނެ އެގޮތަކަށެއް، އިންޑިއާ ސިފައިންގެ މައްސަލަ ހަމަޖެއްސޭނީ އިންތިޚާބަކުން 2023 ވަނަ އަހަރު ދިވެހިން ފެންނަ ނުފެންނަ ވޯޓެެއްގައި ވޯޓްލާއިރު އަޅުގަނޑަށް ޔަގީން ނަތީޖާ އޮންނާނީ ކިހިނެއްކަން." އުމަރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ދިވެހި ޕައިލެޓުންނަށް ނުދީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ހެލިކޮޕްޓަރު ދުއްވަމުން ގެންދާ މައްސަލައިގައި އުމަރު ވިދާޅުވީ ދިވެހި ޕައިލެޓުން ތަމްރީންވެ 20 އަހަރުވިއަސް އެ ފުރުސަތު ދިވެހި ޕައިލެޓުންނަށް ނުދޭނެ ކަަމަށެވެ. އުމަރު މިހެން ވިދާޅުވި ނަމަވެސް ކައިރި މުސްތަޤުބަލެއްގައި ދިވެހި ޕައިލެޓުން ހެލިކަޕްޓަރު ދުއްވަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް  ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހާތާކުކަމެއް ދިވެހި ޕައިލެޓުން ތަމްރީން ކުރަނީ ކޮންތާކު ކެމެއް އޭނާ ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮތީ ރާއްޖެއަށް ފާރަލާން ނޫން ކަމަށާއި، އެ މީހުންގެ ބޭނުމަކީ ޗައިނާ އާއި ރަޝިިޔާ އިން މި ސަރަހައްދުގައި އުޅެނީ ކިހިނެއްތޯ ބެލުމަށް ކަމަށެވެ. އިންޑިޔާ ސިފައިން ރާއްޖޭގެ ދެ ސަރަހައްދެއްގައި އެބަ ތިބި ކަމަށާއި، އެެއީ އައްޑު އަތޮޅާއި ލ. އަތޮޅުގައި ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ މަނަވަރު ތަކާއި ސަބްމެރީންތައް ހުރަސް ކުރާ އެންމެ މުހިންމު ދެ ސަރަހައްދު ކަމަށް އުމަރު ވިދާޅުވިއެވެ.

"އިންޑިޔާގެ ދެ ހެލިކޮޕްޓަރުގެ ބޭނުމަކީ ޗައިނާ އާއި ރަޝިޔާގެ މޫވްމަންޓްތައް މިސަރަހައްދުގައި ހުރީ ކިހިނެއްތޯ ބެލުން." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހަނިމާދޫގައި އިންޑިޔާގެ ޑޯނިޔާ އެއް ބާއްވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އުމަރު ތުހުމަތު ކުރެެއްވިއެވެ. އެއީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އުމަރު ވަނީ ސިފަ ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ވަނީ އުމަރު އެވިދާޅުވި މަތިންދާބޯޓު ރާއްޖެއައިސްފައެވެ. އެބޯޓު މިއަދު ސީދާ ހަނިމާދޫ ވައިގެ ބަނދަރަށް ޖައްސާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ކަށަވަރު ކޮށްދީފައި ވެއެވެ.

"އެއާ އެކުވެސް ވިހި ނޫނީ ތިރީސް ސިފައިން އަންނާނެ، ތިބޭފުޅުން ބައްލަވާތި، އިތުރު ވިހި ސިފައިން ހަނިމާދޫ އަށް އަންނާނެ، ލަހެއް ވެސް ނުވާނެ ޑޯނިޔާ އެެއްގައި އަންނާނީ އެމީހުންގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން. ރާއްޖޭގެ އުތުރުން ދެކުނަށް އިންޑިޔާ ސިފައިން ދަމާލާނެ. ދަމާލާފަ އެތަން ތާގައި ގާއިމްވެގެން ތިބޭނެ، ދެން އަންނަ ސަރުކާރަކަށް އެމީހުން ބޭލުން ވަރަށް އުދަނގޫ ކަމަކަށްވާނީ ގައިގައި އަތްލައިގެން ދޮންބަންޑާރައިން ފްރާންސް މީހުން ބޭލިހެންޖެހޭނީ މިމީހުން ބާލަން." އުމަރު ވިދާޅުވިއެވެ.

އިންޑިޔާ އިން ހަދިޔާ ކުރި ދެހެލިކޮޕްޓަރު ދުއްވައި ބެލެހެއްޓުމަށާއި ފަހުން ގެނައި މަތިންދާ ބޯޓާއި އެކުގައި އައި އިންޑިއާގެ އަސްކަރީ ސިފައިނާއެކު ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު އެބަތިއްބެވެ. ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިޔާ ސިފައިންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ބާލާނެ ކަމަށް އުމަރު ނަސީރު ވަނީ ވައުދުވެވަޑައިގެންފައެވެ.

އިންޑިޔާ އައުޓް މިނަމުގައި ޝޯޝަލް މީޑިޔާގައި ވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކެމްޕޭނެއް ވެސް ފަށާފައެވެ. ދާދިފަހުން އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ނެތް ކަމަށާއި، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ނަމަވެސް ޓެކްނިކަލް އާއި ފަންނީ އެހީތެރިކަން ދިވެހި ސިފައިންނަށް ދިނުމަށް ބޭރު ގައުމުތަކުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން