އޭސީސީގެ ރައީސް އާދަމް ޝާމިލް
އޭސީސީގެ ރައީސް އާދަމް ޝާމިލް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.

މަޤާމުގެ ނުފޫޒް ބޭނުންކުރަށްވައިގެން ދޮގު މަޢުލޫމާތުތަކެއް ޖޭއެސްސީއަށް ދެއްވި ކަމަށް ތުހުމަތުކޮށް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.

އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް މީގެ ކުރިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް, އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މައުލޫމާތު ދެއްވީ އެފަދަ ތަހުގީގެއް ނުފަށަނީސް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެެއް ހިންގައިދިނުމަށް އެދި އަޒްމިރަލްދާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހެޅުއްވިއެވެ. އަދި އަޒްމިރަލްދާއަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއި ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހެޅުއްވިއެވެ.

ނަމަވެސް މިއަދު ޝަމީލް އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން މި މައްސަލަ ނުބެލުމަށް ނިންމާފައިވާ ކަމަށެވެ.



އެގޮތުން ޝާމިލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އޭސީސީން ހުށަހެޅި ސިޓީއާ މެދު ޖޭއެސްސީން ވަޒަންކޮށް އެއާމެދު ގޮތެއް ނިންމުމުން ނޫނީ، އެއީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ނުކުރަން ނިންމި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލައިގައި ބުނެފައިވާ ގޮތަށް ކަންކަން ހުރި ކަމަށް ބެލެވޭނެ، އަދި އެ ކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަޒްމިރަލްދާއާ ގުޅުންހުރި ސުލޫކީ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ ފަނޑިޔާރުކަމުން އޭނާ ސަސްޕެންޑު ކޮށްފައިވަނީ ފެބްރުއަރީ 26 ގައެވެ. މި މައްލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އަޒްމިރަލްދާގެ ބަޔާންވެސް ވަނީ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން