ނ.މާފަރު ރިސޯޓުން ކުއްލި ގޮތަކަށް ހއ.ހޯރަފުއްޓަށް ނިސްބަތްވާ 68 މުވައްޒިފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ކޯވިޑް 19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން މިހާދަތި ދުވަސް ވަރެއްގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މުވައްޒިފުން ވަޒީފާއިން ވަކިކުރުމުން ގިނަބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ވަޒީފާއިން ވަކިކުރި ސަބަބެއްވެސް ރިސޯޓުން ހާމަނުކުރާއިރު، މުވައްޒިފުން ތިބީ މިކަމާއި ވަރަށް ކަންބޮޑުވެފައެވެ. މުވައްޒިފުން ތިބީ ހާލަތު ރަނގަޅު ވުމާއިހަމައަށް ރިސޯޓުން ދޭ ކުޑަ އުޖޫރައެއްގައިވެސް މަސައްކަތް ކުރުމަށް ތައްޔާރަށެވެ.

މިކަމާއި ގުޅިގެން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެއްދުވަހެއްގެ ތެރޭގައި 68 މުވައްޒިފުން ވަޒީފާއިން ކަނޑާލުމަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އިޤްތިޞާދީ ގޮތުން މިހާ ނާޒުކު ވަގުތެއްގައި މިހާގިނަ މުވައްޒިފުން ވަޒީފާއިން ވަކި ކުރުމަކީ އެ އާއިލާތަކަށް ލިބިގެންދާނެ ވަރަށްބޮޑު ދެރައެއްކަމަށް ސަލީމް ވިދާޅުވިއެވެ.

"އެއް ދުވަހެއްގެ ތެރޭގައި ހަމައެކަނި ހޯރަފުއްޓަށް ނިސްބަތްވާ 68 މުވައްޒިފުން މާފަރު ރިސޯޓުން ވަކި ކުރުމަކީ ބޮޑު ކަންބޮޑުވުމެއް. މިއީ 68 އާއިލާއަށް ލިބުނު ބޮޑު ނިކަމެތިކަމެއް. ވަޒީފާ އިން ވަކި ކުރިއިރު ހާލަތު ރަނގަޅު ވަންދެން ކުޑަ އުޖޫރައެއްގައި ދެމި ތިބެންވެސް ކުދިން ތިބީ ރުހިގެން." މިހާރު ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ މެންބަރު ސަލީމް، ސައްލެ ވިދާޅުވެފައިވެއެވެ.

ސައްލެގެ ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންވެސް ވަނީ ސައްލެއަށް އަމާޒުވެފައެވެ. އެގޮތުން މިހަފުތާގެ އާދީއްތަ ދުވަހު ފާސްކުރި ވަޒީފާއާއި ބެހޭ ޤާނޫނަކީ މުވައްޒިފުންނަށް ނިކަމެތިކަން ލިބޭގޮތަށް އަދި ވެރިންނަށް މޮޅުވާ ގޮތަށް އޮތް ޤާނޫނެއްކަމަށްބުނެ ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ކޯވިޑް-19 ގެ މިހާލަތުގައިވެސް މެމްބަރުންނަށާއި، ދައުލަތުގެ ވެރީންނަށް ބޮޑު މުސާރަ ލިބުމުން އެބޭފުޅުން އާންމު ރައްޔިތުންގެ މަތީން ހަނދާނެއް ނެތްކަމަށެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ނައިޓަށް ރަށަށް ދެވޭކަމަށްބުނެ ގެނައި އިސްލާހަށްވެސް ވަނީ ގިނަބއެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ޤާނޫނުން ރަށަށް ދެވޭގޮތަށް އޮތްނަމަވެސް ރަށަށް ދާނީ ކިހިނެއްތޯ ބުނެ، ގިނަބަކުވަނީ ސުވާލުކޮށްފައެވެ. އަދި މިޤާނޫނުގައި، ދިވެހި މުވައްޒިފުންނަށް އިސްކަންދީ ދިވެހިންނަށް ރިސޯޓްތަކުގެ ވަޒީފާ ތަކުގެ ބޮޑު އިންސައްތައެއް އޮންނަ ގޮތަށް ޤާނޫނަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައި ނުގަތުމުންވެސް ގިނަބަޔަކު ވަނީ ސަލީމްގެ ޓުވީޓުގެ ޖަވާބުގައި އޭނާއަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން