މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރި އަދަދު 40 އިންސައްތަ އިތުރުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގައި 14،222.6 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއި 40 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައި ވަނީ 10،526.7 މެޓްރިކްޓަނުގެ މަހެވެ. އަދި އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުުގެ ޖެނުއަރީ މަހުން ފެށިގެން ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގައި 5710،93 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި ފެބްރުއަރީ މަހުގައި 8511.63 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރުން ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް 10،402 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ.

މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުން ވެރިކަމާއި ހަވާލުވެ މަސްވެރިންނަށް ސަރުކާރުން ދަރާފައިވާ ފައިސާ ވަނީ ދީ ހަލާސްކޮށްފައެވެ. އެގޮތުން މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮގް އެއްކޮށް ވަނީ ކްލިއާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން