ރާއްޖޭގެ ދަރަނީގެ މިންވަރަށާއި، ނަގާފައިވާ ލޯނުތަކުގެ އަދަދުތަކަށް ބަލައިލުމުން އަޅުވެތިކަމަށް މިޤައުމު ހުށަހެޅިފައިވާ މިންވަރު ހާމަވެގެންދާކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެންނާއި އަދި މިސަރުކާރު ވެރިކަމަށް އައިފަހުން ނަގާފައިވާ ލޯނުތަކާއި، ދަރާފައިވާ ދަރަންޏާއި ގުޅިގެން ޝިޔާމް ވިދާޅުވީ މި އަދަދުތަކަކީ ރާއްޖޭގެ ހާލަތު ވަރަށްބޮޑަށް އެގިގެންދާ ނަންބަރުތަކެއްކަމަށެވެ. ޤައުމުގެ ދަރަނި މިހާބޮޑުތަނުން މައްޗަށް އަރާފައިވާއިރު ރައްޔިތުންގެ ޖީބަށް ވީފައިދާއެއް ކުރި މަންފާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދެރަ ލިބިގެންދާނީ ދިވެހި ރައްޔިތުންނަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެއަކީ ބޭރުގެ އިންވެސްޓުމަންޓްތަކާއި، ބޭރުގެ އެކި އެޖެންސީތަކަށް އަބަދުވެސް މަރުހަބާ ކިޔާ ޤައުމަކަށްވާއިރު ފެންނަން ހުރި އަދަދުތަކަށް ބަލާފައި އެބޭފުޅުންވެސް ޖެހިލުންވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

"މި އަދަދުތަކުން ދައްކުވައިދެނީ ޤައުމުގެ ނިކަމެތި ހާލަތު. ފޮރިން އިވެސްޓަރުންނަށް އަދި ފަންޑިން އެޖެންސީތަކަށް މިއީ ބިރުވެރި އަދަދުތަކެއް. އަދަދުތައް ބުނެދެނީ ސަރުކާރުގެ ނާޤާބިލްކަން. އަދަދުތައް ބުނެދެނީ އަޅުވެތިކަމަށް މިޤައުމު ހުށައެޅިފައިވާ މިންވަރު." ޝީޔާމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދަރަނި އުޅެނީ 73.9 ބިލިޔަން ރުފިޔާގައެވެ. މިކަމާއި ގުޅިގެން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ މިހާރު ރާއްޖޭގައި ދިރިތިބި ދިވެހިންނާއި ކުރިއަށް އޮތް ޖީލުތަކުގައި އަންނާނެ ދިވެހި ރައްޔިތުންގެ ބޮލުގައި މިހާބޮޑު ދަރަނިތަކެއް އަޅުވާފައިވާއިރު ޤައުމަށާއި ރައްޔިތުންނަށް މިކަމުންވީ ފައިދާއެއް، އައި ކުރިއެރުމަކީ ކޮބައިތޯ ސާފުކުރަންޖެހޭކަމަށެވެ. 74 ބިލަޔަނާއި ގާތްކުރާ އަދަދަކަށް ދައުލަތުގެ ދަރަނި ގޮސްފައިވާއިރު އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު ނައިސް މީހުން އުޅެމުންދާ ހާލަތާއިމެދު ސަރުކާރާއި ސުވާލު ކުރަންޖެހޭކަމަށް ވިދާޅުވެ ނިޔާޒުވަނީ އެސުވާލު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަރާފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ، 108 ޕަސެންޓުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން