ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ލިބޭނެ ކަމަށް ލިސްޓްކުރި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިސަރުކާރުން އުނިކުރި މައްސަލަ ވަަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލެޓް މައްސަލައިގައި ޕްރޮގުރެސިވް ކޯލިޝަންގެ ލީގަލް އެފެއާޒު ޑިޕާޓްމަންޓްގެ ގާނޫނީ އެހީތެރިކަން ގިނަ ފަރާތްތަކުން ހޯދަމުންދާ ކަމަށެވެ. ފްލެޓްތަކާއި ގުޅިގެން ލިބިފައި ހުރި މައްސަލަތައް ވަރަށް އަވަހަށް ކޯޓަށް ހުށައަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ގާނޫނީ އެހީ ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުން އަދިވެސް ފޯރުކޮށްދޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން ވަނީ އެކަން ބަލަން ކޮމެޓީއެއް އެކުލަވާލާފައެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީއަކުން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު އިސްލާހު ކުރުމަށްފަހު އަލުން ވަނީ އާންމުކޮށްފައެވެ. އެ ލިސްޓު އާންމުކުރިއިރު ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ 111 މީހެއްގެ ނަން ވަނީ އުނިކޮށްފައެވެ. ހިޔާ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން މިދިޔަ ސަރުކާރުން ދީފައިވަނިކޮށް، މި ސަރުކާރުން އަލުން ލިސްޓު އެކުލަވާލިއިރު ލިސްޓުން އުނިކުރި މީހުންނަށް ގާނޫނީ އެހީތެރިކަން ހިލޭ ދެނީ އިކުއިޓީ ޗެމްބާޒް ކިޔާ ލޯފާމަކުންނެވެ.

އެ ލޯފާމުން ނެރުނު އެންގުމެއްގައި ވަނީ، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވެ ނަން ގެޒެޓްކޮށް، ދައުލަތުން ލިޔުން ހަވާލުކޮށްފައިވަނިކޮށް އަލުން މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް އެ ލޯފާމުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން