ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު ނާޅާނަމަ ރާއްޖޭގައި ހިންގަމުންދަނީ ޤާނޫނީ ދައުލަތެއްކަމާއިމެދު ސުވާލު އުފެދޭކަމަށް ސަރުކާރު ހިންގާ މައިޕާޓީގެ ޕާލިމަންޓްރި ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި މަޖިލީސް އަދި ކޯޓުތައް ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވުމާއި ގުޅިގެން ވަރަށްބޮޑަށް ނުރުހުންވެ ވަޑައިގެން އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ދައުލަތަކީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާ ދައުލަތެއްކަން ހާމަކޮށްދޭން ޖެހޭކަމަށެވެ.

ވަކި ފަރާތްތަކުން ރާއްޖޭގެ ކުޅިވަރު ސަސްޕެންޑް ކޮށްފާނެކަމަށް ބުނެ އަދި އިންޓަރނޭޝަނަލް ފަރާތްތަކުގެ ނަން ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް މުގުރާލާ ފަރާތްތަކާއިމެދު ފިޔަވަޅު ނާޅައި މަސައްކަތް ކުރަމުންދަނީ ކޮން ބޭނުމެއްގައިތޯ ވިދާޅުވެ އަލީ އާޒިމް ވަނީ ސުވާލު އުފައްދާފައެވެ. ދިވެހި ދައުލަތަކީ ޤާނޫނީ ބާރު އޮތް، ޤާނޫނީ ބާރު ހިނގާ ދައުލަތަކަށް ވާއިރު ޤާނޫނާއި ޚިލާފަށް ކުރެވޭ ކޮންމެ އަމަލަކާއިމެދު ފިޔަވަޅު އެޅެންޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަން ނުވާނަމަ މިޤައުމުގައި ވައްކަމާއި ފޭރުންވެސް އެއީ ރަނގަޅު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

"އިންޓަރ ނޭޝަނަލް ޖަމްއިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔައި ޤާނޫނާއި، ޤަވާއިދާއި އެއްގޮތަށް ނޫޅޭ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު ނާޅާނަމަ މިހިންގަނީ ޤާނޫނީ ދައުލަތެއްތޯ؟ މި އުސޫލުން ބަލާނަމަ ފޭރުމާއި، ވައްކަންވެސް އޯކޭ ދެއްތޯ؟" އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ނުރުހުން މަހުލޫފަށް އަމާޒުވެފައިވަނީ އެފްއޭއެމްގެ އިންތިޚާބް ބާއްވާފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އާޒިމު ވިދާޅުވާއިރު އެކަމާއި ގުޅިގެން އާޒިމް ފާޅުކުރައްވާފައިވާ އެއްވެސް ކަންބޮޑުވުމަކަށް މަހުލޫފް އިޖާބަ ނުދެއްވުމުން ކަމަށް ބެެލެވެއެވެ. އަދި މިކަމާއި ގުޅިގެން އާޒިމްވަނީ މަހުލޫފް ވަޒީރުކަމުން ވަކިކުރުމުގެ މަސައްކަތް ވެސް ކުރައްވާފައެވެ. ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓިފައިވީނަމަވެސް އާޒިމް ދަނީ އަދިވެސް މަހުލޫފް މިނިސްޓަރުކަމުން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންނެވެ.

ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކާއިމެދު މަހުލޫފް ތަފާތް ކުރުން ގެންގުޅުއްވާކަމަށްބުނެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ވަނީ އިއްޔެ މަހުލޫފަށް ފާޑުވިދާޅުވެފައެވެ. ކުޅިވަރުގެ ތެރެއަށް ސަރުކާރާއި މަޖިލީހާއި ކޯޓުތަކުން ނުފޫޒު ފޯރުވާނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑު ކޮށްފާނެކަމަށް ބިރު ހީވާނަމަ ވޮލީ އިންތިޚާބުގެ ތެރެއަށް ޔޫތު މިނިސްޓްރީން ވަނީ ކޮން ނިޔަތެއްގައިތޯ އުޝާމް ވަނީ ސުވާލު ކުރައްވާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު، ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާނަމަ އެފްއައިވީބީ އާއި އޭވީސީން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށްވެސް ވީއޭއެމްއިން އޭރު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެސޯސިއޭޝަން ގާނޫނީ ގޮތުން ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން