އެމެރިކާއާއި ޗައިނާއާ ދެމެދު ބޮޑުވަމުން އަންނަ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން އެމެރިކާއަށް ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޗައިނާގައި ހޮލީވުޑްގެ ފިލްމުތައް ރިލީޒްކުރުން މަދުކުރަން ނިންމައިފިއެވެ.

ޗައިނާއިން މިހާރު ވަނީ އެގައުމުގެ ބާޒާރުގައި ހޮލީވުޑް ފިލްމުތައް ރިލީޒްކުރުން "މެދުމިނުގެ މިންވަރަކަށް މަދުކުރުމަށް" ނިންމައި އެކަން އިއުލާންވެސް ކޮށްފައެވެ. ޗައިނާގެ ނޭޝަނަލް ފިލްމް އެޑްމިނިސްޓްރޭޝަނުން ބުރާސްފަތި ދުވަހު ނިންމި މި ނިންމުމާ ސީދާ ގުޅުވައިލީ ޗައިނާގެ އުފެއްދުންތަކުން އެމެރިކާއިން ނަގާ ޓެރިފްތަކާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެތެރެކުރާ އުފެއްދުންތަކުން ނަގާ ޓެރިފް 145 އިންސައްތައަށް އުފުލާފައެވެ.

"އަޅުގަނޑުމެން މާކެޓްގެ ގަވާއިދުތަކަށް އަމަލުކޮށް، ބެލުންތެރިންގެ އިޚްތިޔާރަށް އިހުތިރާމްކޮށް، އެމެރިކާގެ ފިލްމުތައް އިމްޕޯޓްކުރާ އަދަދު އާދައިގެ މިންވަރަކަށް މަދުކުރާނަން،" ފިލްމު އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނުގައިވެ އެވެ.

އެމެރިކާގެ ޓެރިފް ބޮޑުކުރުމުން ޗައިނާއިންވެސް ވަނީ ޓެރިފް ބޮޑުކުރުމަށް ނިންމާފައެވެ. އަދި އެއީ އެމެރިކާއަށް ލިބޭނޭ ބޮޑު ގެއްލުމަކަށް ވާނޭ ކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ދަނީ ބުނަމުންނެވެ.

އަހަރަކު ޗައިނާގައި ހޮލީވުޑްގެ ދިހަ ފިލްމު ބަލައިގަންނައިރު، ޗައިނާގެ މާކެޓަކީ އެއް ޒަމާނެއްގައި އެމެރިކާގެ ފިލްމީ ދާއިރާއަށް ބޮޑު އާމްދަނީއެއް ލިބޭ ބޮޑު މާކެޓެއްގެ ގޮތުގައި ދެކެވުނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ހުޅަނގުގެ ފިލްމުތަކުގެ މަގުބޫލުކަން ޗައިނާގައި ވަނީ ކުޑަވާން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން