"ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް"ގައި ބުނާ ޤާނޫނުތަކާ، ގަވާއިދުތަކާ، އުޞޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓްވަރިޒަމް މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި އޮޑިޓަރ ޖެނަރަލްގެ އޮފީހުން 13 އޯގަސްޓް 2020ގައި ނެރެފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ " ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް"ގައި އަމަލުކުރަންޖެހޭ ޤާނޫނުތަކާ ގަވާއިދުތަކާ އުޞޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރު ކޮމިޝަންގެ ފަރާތުން އެ ރިޕޯޓުގައި ހިމެނޭ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަން ސިޓީ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް ހިނގާ ދިޔަ ގޮތުގެ ތަފްޞީލް އެ ރިޕޯޓުގައި ހިމަނާފައި ނުވާއިރު އޭރުގެ މިނިސްޓަރ އަލީ ވަހީދު އާއި މިނިސްޓަރާއި ގުޅުން ހުރި މުވައްޒަފުން މެދުވެރިކޮށް އެކަމާ ގުޅޭ ބައެއް ހެކިތަކަށް ބަދަލުގެނެސް ބައެއް ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓްރީގެ ބައެއް މުވައްޒަފުން ފާހަގަކޮށްފައިވާކަމަށް މައްސަލަ ހުށައެޅި ފަރާތުން ބުނެފައި ވެއެވެ. އަދި މިކަމާ ގުޅިގެން އޭސީސީން އަވަހަށް ފިޔަވަޅު ނާޅައިފިނަމަ، އޭސީސީގެ އިހުމާލުވެސް މިމައްސަލައިގެ ތެރޭގައި ހިމެނިގެންދާނެކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ތަފްޞީލް ގެނެސްފައިނުވާ ނަމަވެސް ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމަށް ފާހަގަކުރެވޭ ކަންތައްތައްވެސް އެސިޓީ ހުށަހެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ. ސިޓީގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތަރމަލް އިމޭޖިންގ ކެމެރާ ހަރުކުރުމަށް ބިޑް ކުރުމެއްނެތި އެމެރިކާގެ ބަޔަކާ ހަވާލުކުރީ ސީދާ އެފަރާތާ މިނިސްޓަރ އަލީ ވަހީދު މަޝްވަރާ ކުރުމަށްފަހު މިނިސްޓްރީގެ އާންމު ޕްރޮކިއުމަންޓުގެ ސްޓާފުންގެ ބައިވެރިވުމެއް ނެތިކަމަށް ބުނެފައިވެއެވެ. މިއީ ސިދާ މިނިސްޓަރަށް ބައި އެޅޭ ގޮތަށް ކޮށްފައިވާ ކަމެކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ކެމެރާ ބެހެއްޓުމުގެ ކޮންސަލްޓަންސީ މަސައްކަތަށް ކަމަށް ބުނެ ބޭރު ކުންފުޏަށް އިތުރަށް 50000 (ފަންސާސް ހާސް) ޑޮލަރު ދީފައިވަނީ އޭގެން ބަޔެއް މިނިސްޓަރާއި މިކަމުގައި އުޅުނު މިނިސްޓަރުގެ ޓީމަށް ލިބޭ ގޮތަށްކަމަށްވާއިރު، ހަގީގަތުގައި މިއީ އެފަރާތުން ކުރި މަސައްކަތެއްވެސް ނޫންކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެއަރޕޯޓުތަކުގައި ތަރމަލް އިމޭޖިންގ ކެމެރާ ހަރުކުރުމަށް ބިޑް ކުރުމެއްނެތި ސިންގަލް ސޯސް އުޞޫލުންކަމަށް ބުނެ ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ހަވާލުކޮށްފައިވަނީ އެ މިނިސްޓްރީގެ ބިޑް ކޮމެޓީއަށްވެސް އެމަޢުލޫމާތު ނުދީ ސިއްރުކޮށް އަދި އެއްބަސްވުމެއްވެސް ނުހަދާ މާލިއްޔަތުގެ ޤާނޫނާ އަދި ގަވާއިދާ ޚިލާފަށް ކަމަށާއި، މި ގޮތަށް އަމަލުކުރީ މިކަންތައްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ގިނަ މުވައްޒަފުންނަށް ސިއްރު ކުރުމުގެ ގޮތުންކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ގަތް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ގަނެފައިވަނީވެސް ކުރިން ބުނެވުނު ކެމެރާ ގަތް ކުންފުނިން ކަމަށް ފެންނަ ގޮތަށް ލިޔެކިޔުންތައް ތައްޔާރުކޮށް އެފަރާތަށް އެއްބަސްވި އަދަދަށް ވުރެ ގިނައިން ފައިސާވެސް ދީފައިވާ ކަމަށް ބުނެފައި ވެއެވެ. އޭސީސީން މިމައްސަލަ ރަނގަޅަށް ތަހުޤީޤު ކޮށްފިނަމަ އެތަކެތި ގަނެފައިވަނީ އެހެން ބަޔެއްގެ އަތުން އެއަށްވުރެ ކުޑަ އަގެއްގައިކަން އެނގޭނެކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ކޯވިޑްގެ ތެރޭގައި ރާއްޖެއިން ބޭރުން ގެނައި މެޑިކަލް ޓީމު ގެނައީވެސް ސީދާ މިނިސްޓަރުގެ ބެލުމުގެ ދަށުން ކުރިން ބުނެވުނު ކެމަރާ ގަތް ކުންފުނި މެދުވެރިކޮށް ކަމަށާއި، ކ.ވިލިވަރު ކަރަންޓީން ފެސިލިޓީ ހެދުމަށް ހަވާލުކޮށްފައިވަނީ މިނިސްޓަރު އެންގި ކުންފުޏަކާއި ކަމަށްވެސް ބުނެފައިވެއެވެ. އަދި މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ އެއްވެސް އުޞޫލަކަށް ބެލުމެއްނެތި މިނިސްޓަރުގެ އެންގުމަކަށް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ފަހުން އޯޑިޓް ކުރަން ފެށުމުން ލިޔެކިޔުންތައް ވަނީ ތައްޔާރުކޮށްފައިކަމަށް މިސިޓީގައި ބުނެފައިވެއެވެ.

މިސިޓީ ހުށަހެޅި ފަރާތުންވަނީ މި މައްސަލަތައް ވީހާވެސް އަވަހަކަށް ބައްލަވައިދެއްވައި މިކަމުގައި ބައިވެރިވި ފަރާތްތަކަށް ހައްޤު އަދަބު ދިނުމުގައި އޭސީސީގެ ޤާނޫނީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށް އެދިފައެވެ.

އޮޑިޓާ ޖެނެރަލް މި ރިޕޯޓް ނެރުއްވިއިރު އޭރުގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ޖިންސީ ގޯނާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއްކޮށް މަޤާމުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން