ފުލުހުންގެ ބެލުމުގެދަށުގައި ހައްޔަރުކޮށްފައި ހުއްޓައި ފިލައިގެންދިޔަ މީހަކު ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ގދ. ވާދޫ/ ދިއްގާގަސްދޮށުގޭ، އަލީ ޝަމީމް (27އ) ގެ މައްޗަށެވެ.

ޝަމީމް ހައްޔަރުކުރީ އަމިއްލަ ގޭގައި ބަނގުރާ އުފައްދައި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 23 ޖުލައި 2024 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހަމަ އެ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކުރިއެވެ.

ޝަމީމް ފިލީ، ޖަލުގައި ބަންދުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ވާދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓައެވެ. މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެރަލް އޭނާގެ މައްޗަށް ކުރީ، ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ކޯޓުގައި އެ ދައުވާއަށް ޝަމީމް އިއުތިރާފުވެފައެވެ. އަދި ކޯޓުން ވަނީ ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން