ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެންދިއުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށް އެދި ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން މިއަދު ނިންމާލައިފިއެވެ.

މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ނިންމާލާފައިވާއިރު މަހާޒްގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ތިން ހެކިވެރިންގެ ހެކިބަސް ނަގާފައިވާކަން ޖޭއެސްސީން ސާފުކޮށްދީފައެއް ނުވެއެވެ.

މިއަދު ހެނދުނު 9:00 ގައި އޮތް މައްސަލައިގެ ފަހު އަޑުއެހުމުގައި ފަނޑިޔާރު މަހާޒްގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތައްޔާރު ކުރާ ތަހުގީގު ރިޕޯޓު ފާސްކުރުމަށް ނަގާ ވޯޓުގައި އެ މައްސަލަ ތަހުގީގު ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި ބަންޑާރަނައިބު، އަހުމަދު އުޝާމް ބައިވެރިވެވަޑައި ނުގަތުމަށެވެ.

ނަމަވެސް އެކަމުގައިވެސް ޖޭއެސްސީން މިހާތަނަށް ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ.

މި މައްސަލާގައި ޖޭއެސްސީއަށް ޙާޟިރުވެ ވަޑައިގަތުމަށްފަހު ކޮމިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަމުން މަހާޒްގެ ފަރާތުން މީގެކުރިން ވިދާޅުވެފައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީއަކަށްވެސް އަދި މުވައްޒަފަކަށްވެސް މަހާޒް އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ނުކުރަށްވާ ކަމަށެވެ.

އޭގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ޚިލާފުވެފައިވަނީ ސުލޫކީ ކޮން ކަމަކާކަން ސާފު ނުވާކަމަށް ފަނޑިޔާރު މަހާޒްގެ ޤާނޫނީ ވަކީލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތްތައް އޮންނަ ގޮތުން މިމައްސަލާގައި ދެން އޮންނާނީ ކޮމިޓީގެ ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރު ކުރުމެވެ. އެގޮތުން ފަނޑިޔާރަށް އެޅުމަށް ކޮމިޓީއަށް ފެންނަ ފިޔަވަޅު ތަހުގީގު ރިޕޯޓްގައި ހިމަނައި ތަހުގީގު ރިޕޯޓަށް ޖަވާބެއް ދޭން ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެއެވެ.

އެއަށްފަހު ފަނޑިޔާރުންގެ ޖަވާބާއި ތަހުގީގު ރިޕޯޓު ކޮމިޝަނުގެ ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށްފަހު، ފަނޑިޔާރާ މެދު ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

މި މައްސަލަ އޭސީސީންވެސް މިހާރު ދަނީ ބަލަމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ހަބީބް އާއި ޤާޟީ އިބްރާހީމް ޒިހުނީ އާއި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދު މިހާރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން