އުލު ބޭންދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 2018 ވަނަ އަހަރު 9 މިލިއަން ރުފިޔާއަށް ދެ ފްލެޓް ބަައްލަވައިގެން މައްސަލަ އަލުން ހުޅުވައިގެން އޭސީސީން ބެލުމަށް ނިންމުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެމައްސަލަ އަދިވެސް ބަލާނެ ވަރަކަށް ބަލަންވީކަމަށެވެ. އަދި އެހެން އިތުރު މައްސަލަތައް އުފައްދައިގެންވެސް ކަންކަން ބަލަންވީ ކަމަށެވެ. އެކަމަކު ކުރަމުންދާ ޤައުމީ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ ކަމެއްކޮށް ނިމިފައިވާ މައްސަލަތައްވެސް ފެންމަތި ކުރަމުންދަނީ ބިރުދައްކައި ފަހަތައް ޖެހޭނެކަމަށް ބަލައިގެންކަމަށެވެ. ނަމަވެސް ޤައުމާއި ދީނުގެ ހައްގުގައި މިހާރުވެސް ކުރަމުންދާ މަސައްކަތަށް ކުޑަވެސް ވަރަކަށް ނުޖެހޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ. އިތުރު މައްސަލަ އުފައްދައިގެންވެސް ބަލަންވީ. އުލު ބޭއްދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް. މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭސީސީން ބުނީ އަބްދުއްރަހީމްގެ ދެކަނބަލުން ފްލެޓްގަތް މައްސަލަ އަލުން ހުޅުވަން ނިންމާފައިވަނީ މިމައްސަލަ ނިންމާފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި މިހާރު މިމައްސަލަ އަލުން ހުޅުވައި އޭސީސީން ތަހުގީގް ކުރަން ނިންމާފައިވާކަމަށް ވެސް ބުނެފައި ވެއެވެ. މިމައްސަލަޔަކީ 2018 ވަނަ އަހަރު އޭސީސީން މައްސަލައެއް ނެތްކަމަށް ނިންމާފައިވާ ކެމެކެވެ. ނަމަވެސް މިހާރުގެ ކޮމިޝަންގެ މެމްބަރުން ކޮމިޝަނާއި ހަވާލުވުމަށްފަހު އޭސީސީގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ސުވާލު އުފެދޭ ގޮތަށް ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ހުޅުވައިގެން ދަނީ ބަލަމުންނެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކޮށްފައިވާ ރެހެންދި-6 އިން އަަބްދުއްރަހީމާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ބައްލަވައިގެންނެވި، ފެންވަރު މަތީ ފްލެޓެއްގެ އަގު އުޅެނީ 4.5 މިލިއަން ރުފިޔާއަށެވެ. ދެ ބޭފުޅުންގެ ނަމުގައި ފްލެޓްތައް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ވިއްކާފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ.

މިތުހުމަތުތަކާއި ގުޅިގެން އޭރު އަބްދުއްރަހީމް ވިދާޅުވީ ރެހެންދި-6 އިން ދެ ފްލެޓް ބައްލަވައިގެންނެވި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފްލެޓް ބައްލަވައިގަތީ އަނބިކަނބަލުންގެ ނަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން