ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދާއި އެ ކުންފުނީގެ ކުރީގެ އިސް ވެރިއެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެކަމުގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އެ ދެ މީހުންނަށް ދައުވާކުރަން ފޮނުވާފައިވަނީ، އައިސްޕްލާންޓްތަކެއް ގަތުމުގައި އޮޅުވާލައިގެން ކުންފުންޏަށް ގެއްލުން ލިބޭގޮތަށް އެކަން ކޮށްފައިވާތީއެވެ. މި މައްސަލާގައި ދެން ދައުވާ ކުރަން ފޮނުވީ އެކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމްކޮށްފައިވާ އައިސްޕްލާންޓު ގަތުމުގައި ފެނަކައިގެ އުސޫލުތަކާ ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު އެ ފަރާތްތަކަށް ވަނީ ކޮށްފައެވެ. މައްސަލާގައި ބުނެފައިވަނީ އެ އައިސް ޕްލާންޓް ގަނެފައިވަނީ ކުންފުނީގެ ބޯޑަށް ސައީދު ދޮގު މައުލޫމާތު ދީގެން ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން ވެސް އައިސްޕްލާންޓެއް އެ ރަށުގައި ބަހައްޓަން ނިންމާފައިވަނިކޮށް، ފެނަކައިން އިތުރު އައިސްޕްލާންޓެއް ގަނެފިނަމަ އެކަމުގައި ސަރުކާރުގެ ސިޔާސަތު ބަދަލުވާނެކަމަށް ބުނެ ސައީދު ބޯޑަށް އޮޅުވާލާފައިވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އަދި ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު އެކަމުގައި ވެލުއޭޝަންގެ ގޮތުގައި ހުށަހެޅުއްވީ މާކެޓު އަގަށް ބެލުމެއްނެތި މާކެޓް ވެލިއު އަށް ވުރެ މަތީ އަގެއް ކަމަށާއި އައިސްޕްލާންޓު އެޅި ކުންފުނިން ހުށަހެޅި އަގު ބޭނުންކޮށްގެން އޮޅުވާލާފައިވާކަމަށް އޭސީސީން ވަނީ ތުހުމަތު ކޮށްފައެވެ.

އެ ދެ ފަރާތަށް ވެސް ދައުވާކުރަން ފޮނުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކަށް ތުހުމަތު ކުރެވިގެން ސައީދު މަގާމުން ވަކިކުރަން އޭރުވެސް އޭސީސީން ވަނީ އަންގާފައެވެ. ނަމަވެސް ސަރުކާރު ނިމިގެންދިޔައީ އޭނާ މަގާމުގައި ބަހައްޓައިގެނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން