ހޫތީ ސަޕޯޓަރުންތަކެއް--
ހޫތީ ސަޕޯޓަރުންތަކެއް--
ކުރިއެރުމެއް ނުލިބި އެމެރިކާއިން 80،000 ސިފައިންގެ އަރަބި ލަޝްކަރެއް ޔަމަނުގެ ހޫތީންނާ ދެކޮޅަށް ނެރެން މަސައްކަތް ފަށައިފި އެވެ.

ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ހޫތީން ނުކުމެ އިސްރާއިލަށް ހަމަލާ ދެމުންދާ އިރު އިސްރާއިލުގެ ދިފާއުގައި އެެމެރިކާއިން ޔަަމަނަށް ހަމަލާތައް ދެމުން ދިޔަޔަސް އެއްވެސް ކާމިޔާބެއް ނުލިބެ އެވެ. އަދި ހޫތީން ދަނީ ކޮންމެ ދުވަހަކުވެސް އިސްރާއިލަށާއި އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދެމުން ނެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނީ ހޫތީންނާ ދެކޮޅަށް ނެރެން އުޅެނީ ޔަމަނުގެ ސަރުކާރުގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގެންފައިވާ ސަރުކާރުގެ ސިފައިން ކަމަށެވެ. ޔަމަނުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޫތީން ނެގި ނަމަވެސް ބައިނަލްއަގުވާމީ ފަރާތްތަކުން ހޫތީންގެ ވެރިކަން ބަލައެއް ނުގަނެ އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ގަލްފު ރިސާޗު ސެންޓަރުގެ ޗެއާމަން ޑރ. އަބްދުލް އަޒީޒް ސާގަރުއާ ހަވާލާދީ ބުނެފައި ވަނީ ހޫތީންނާ ދެކޮޅަށް ނެރޭ ލަޝްކަރުގައި 80،000 ސިފައިން ހިމެނޭ ކަމަށެވެ. އަދި އެމެރިކާއިން މަސައްކަތް ކުރަނީ އެ ލަޝްކަރު ލައްވައި ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރުވައި އެމެރިކާއިން ވައިގެ މަގުން ހަމަލާތައް ދިނުމަށް ކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ގަލްފު ގައުމުތަކުގެ ސިފައިންގެ ކޯލިޝަަނަކުން ހޫތީން ބަލިކުރަން ކުރި މަސައްކަތް އޮތީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް މި ފަަހަރު ނެރެނީ ކުރިއަށް ވުރެ މާ ވަރުގަދަ ލަޝްކަރަކަށް ވާތީ މި ފަހަރު ހޫތީންގެ ދުވަސް ދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސާގަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން