މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސީއެސްސީގެ މެންބަރުން
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސީއެސްސީގެ މެންބަރުން
ސިވިލް ސާވިސްގެ ވަޒީފާއަކުން ރިޓަޔާވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން ހަމަނުޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިޙު ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާއަކުން މުސްކުޅިވުމަށް ފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުމަކީ ގާނޫނުގެ ތެރެއިން ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ނާސިޙް ވިދާޅުވީ ސިވިލް ސަރވިސްގައި ގާތްގަނޑަކަށް 35000 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 2008 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5،336 މުވައްޒަފުންނަށް މުސްކުޅި ކުރުމުގެ އިނާޔަތް އެ ކޮމިޝަނުން ހަމަޖައްސައިދީފައިވާކަން ނާސިޙް ފާހަގަ ކުރެއްވިއެވެ.

އަދި ހަމައެހެންމެ ދަޢުލަތުގެ އެހެނިހެން މުއައްސަސާތަކުންވެސް 55 އަހަރުވުމުން މަގާމުން މުސްކުޅިކުރެވޭ ގޮތަށް އުސޫލުތައް ހަދާފައިވާކަން ނާސިހު ފާހަގަކުރެއްވިއެވެ.

ނާސިޙް ވިދާޅުވީ ޕެންޝަނަކީ ރިޓަޔާކުރުމުން ލިބޭ އެއްޗެއް ކަމަށާއި، ބައެއް ބޭފުޅުން ސިވިލް ސާވިސްއިން ރިޓަޔާވުމަށްފަހު ސިވިލް ސާވިސް ނޫން ދަޢުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރަށްވާ ކަމަށެވެ. އަދި އެއީ ރިޓަޔަރ ކުރުމުގެ މުޅި މަފްޙޫމާއި ޚިލާފު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެއީ ޙައްލެއް ހޯދަންޖެހޭ ކަމެއް ކަމަށްވެސް ނާސިޙް ވިދާޅުވެފައިވެއެވެ.

“ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރިޓަޔާމަންޓް ބެނެފިޓެއް ލިބުމަށްފަހު އަލުން ދައުލަތުގެ އެހެން ވަޒީފާއަކަށް އައުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ.” ނާސިޙް މިއަދު ވިދާޅުވިއެވެ.

ނާސިޙް މިހެން ވިދާޅުވެފައިވާއިރު ޕެންޝަން އޮފީހުން މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ބުނެފައިވަނީ ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 100 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޚަރަދު މެނޭޖް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ދަޢުލަތުން ޕެންޝަނަށް ކުރަންޖެހޭ ޚަރަދު ބޮޑުވަމުންދާކަމުގެ ކަންބޮޑުވުން ކަމާބެހޭ އިދާރާތަކުން ފާޅުކޮށްފައިވާއިރު މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ވަނީ މި އަހަރުން ފަށައިގެން ޑަބަލް ޕެންޝަން އުވާލަން ނިންމާފައެވެ. ނަމަވެސް، އެ ނިންމުން ފަހުން ވަނީ ބާތިލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން