މެންބަރު މީކާއިލް އަހްމަދު ނަސީމް
މެންބަރު މީކާއިލް އަހްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ގެނައުމަށް ހުރަސްއަޅައި، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރާތީ ގަރާރެއް ހުށަހަޅަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ނިންމަވައިފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވާގޮތުގެ މަތިން ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމަށް އެޖެންޑާ ނުކުރާތީ އާއި ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަރާރެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.



އެ ގަރާރުގައި ބުނެފައިވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވާބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

އެހެންނަމަވެސް ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ނޯޓިހުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދީފައި ނުވާ ކަމަށް ގަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި ވަޒީރުންނާ ސުވާލު ކުރުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސް ކުރަމުންދާ ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއްވެސް މަގުބޫލު އުޒުރެއްނެތި މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރަމުންދާ ކަމަށްވެސް އެ ގަރާރުގައި ވަނީ ފާހަގަ ކޮށްފައެެވެ. އެ ގަރާރުގައި ބުނެފައިވަނީ މިއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ މި ގަރާރު ހުށަހެޅީ މިކަންކަމުގެ ސަބަބުން މެމްބަރުންގެ ވާޖިބުތައް އަދާކުރަން ދަތިވާތީ، މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ކަމަށެވެ.

މީކާއިލް މި ގަރާރު ހުށަހަޅާފައިވާއިރު، ވަޒީރުންނާ ސުވާލު ކުރުމަށް އިދިކޮޅުންނާއި، އަމިއްލަ މެމްބަރުން ހުށަހަޅުއްވާ މައްސަލަތަކަށް ޖަވާބު ނުލިބޭ މައްސަލަ ވަނީ ހޫނުވެފައެވެ. މިކަމާ ގުޅޭ ގޮތުން އެތައް ފަހަރެއްގެ މަތިން މެމްބަރުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

އަދި މަޖިލީހުގެ ޖަލްސާތައް، އެއްވެސް މަގުބޫލު އުޒުރެއްނެތި ނުބާއްވަން ނިންމާތީ މިކަމާގުޅޭ ގޮތުން މެމްބަރުންނާއި، އާންމު ރައްޔިތުންވެސް ދަނީ ކަންވޮޑުވުން ފާޅު ކުރަމުންނެވެ. މި މައްސަލާގައި ރިޔާސަތުން ވިދާޅުވަނީ، މަޖިލީހުގެ ތަޅުމުގައި ހިނގާ ޖަލްސާތައް މަދުނަމަވެސް، ކޮމެޓީތަކުގައި މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން