މިލަންދޫގައި ތަރައްގީކޮށްފައިވާ މަގެއް، ފޮޓޯ: އާރްޑީސީ
މިލަންދޫގައި ތަރައްގީކޮށްފައިވާ މަގެއް، ފޮޓޯ: އާރްޑީސީ
ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

މި މަސައްކަތް ނިމިފައިވާކަން އާރްޑީސީން ހާމަކޮށްފައިވަނީ އެޕްރިލް 16 ވަނަ ދުވަހުއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ޖުމުލަ 6.3 ކިލޯމީޓަރުގެ ދިގުމިނުގައި މަގުތައް ތަރައްގީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ނުވަ މަގަކާއި ދެ ގޯޅި ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވުނު މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްގީ ކޮށްފައިވާ ހިތްފަސޭހަ މަގުތަކެއް ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މިލަންދޫގެ 50 އަށްވުރެ ގިނަ މުވައްޒަފުން އާރްޑީސީގެ ދަށުން މި މަޝްރޫއުގައި މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ. އަދި އެ މުވައްޒަފުންގެ މިންނެތް މަސައްކަތް ފާހަގަކޮށް، އާރްޑީސީން ވަނީ ހާއްސަ ޝުކުރެއްވެސް އަދާ ކޮށްފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 156،477،632.23 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

މީގެއިތުރުން ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް އާރްޑީސީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރަމުން އާރްޑީސީން ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ދޮށިމޭނާ މަގުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އުސްގަނޑު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.



މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއަށް 122 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލު ކުރީ 450 ދުވަސްތެރޭ ނިންމާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން