ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް
2021 ވަނަ އަހަރު ފެށޭއިރު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މިހާރު ކުރިމަތިވެފައިވާ މާޔޫސް ކަމުގެ ބޮޑު ބައެއް ފިލައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.

އޮންލައިން މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީ ތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތާގައި އިތުރުވެގެންދާނެ ކަމަށެވެ. ބައެއް ރިސޯޓްތައް މިހާރު ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި، އެހެން ނަމަވެސް ކުރިއަށް އޮތްތާގައި ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ ޚިދުމަތް ދިނުމަށް ގިނަ މުވައްޒަފުން އެދާއިރާ އަށް ނަގާނެ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

"އަޅުގަނޑު މި އުއްމީދުކުރަނީ ދުވާލަކު އެމީހުން ނަގާ މުވައްޒަފުންގެ އަދަދު އިތުރުވަމުން އިރާދަކުރެއްވިއްޔާ 2021 ވަނަ އަހަރަށް މަރުހަބާ ކިޔާއިރު މިހާރު މުވައްޒަފުންނަށް މި އޮތް މާޔޫސް ކަމުގެ ބޮޑު ބައެއް ފިލައިގެންދާނެ ކަމަށް." ޑރ.މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ ރަށްރަށުގައި ގެސްޓް ހައުސްތަކަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކާއި މިހަފުތާގެ ތެރޭގައި މަޝްވަރާތައް ފަށާނެ ކަމަށެވެ. މިފަހަރު ގެސްޓް ހައުސްތަކަށް ހުއްދަދޭނީ މުޅި ރަށުގެ ރައްޔިތުން އެކަމުގައި ބައިވެރިވާނަމަ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

" މުޅި ރަށް އެއްކޮށް ގެސްޓް ހައުސްގައި ބައިވެރިވާންޖެހޭނެ އޭރުން ޓޫރިޒަމް ހިންގަން އެރަށައް ހުއްދަ ލިބޭނީ، މުޅި ރަށުގެ ކުދި ބޮޑު އެންމެން އެކަމަށް މަރުހަބާ ކިޔައިގެން، ގެސްޓް ހައުސްތަކުން އަދާކުރަންޖެހޭ ވަރަށް ބޮޑު ރޯލްތައް އެބަހުރި އެ ގައިޑްލައިން ތައް ހަދާފައި އެހެރީ، ވަކިވަކި މީޓިންތައް ކައުންސިލްތަކާއެކު ބާއްވަން ފަށާނަން މިހަފުތާ ތެރޭގައި." ޑރ.މައުސޫމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ އަމާޒަކީ ރިސޯޓްތަކުގެ ވެރިންނަށް ދިވެހިން ހެދުން ކަމަށެވެ. އަދި ރިސޯޓްތަކުގެ ވެރިންނަށް ދިވެހިން ހަދައި ގިނަ ފައިސާ ލިބޭ މަތީ މަގާމުތަކަށް ދިވެހިން ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އިސްކަންދޭ އެއްކަަމަކީ ޓޫރިޒަމް ވިޔަފާރީގެ ވެރީން ނަށް ދިވެހިން ބަދަލުވުން، އެގޮތުން ގެސްޓު ހައުސް އާއި ސަފާރީތަކާއި ރިޒޯޓްގެ ވެރީންނަށް ދިވެހިން ވުން، އަނެއް ކަމަކީ ދިވެހިންނަށް ބޮޑެތި މުސާރަ ލިބޭ ދިވެހިން ކުރާ ހިތްވާ ކަހަލަ ވަޒީފާ ހޯދައިދިނުން. ދިވެހިން މަތީ މަގާމުތަކަށް ލާފައި މަސް ނިއްމާލާއިރު އަތުގައި ރުފިޔާ އެއް އޮންނަވަރުގެ އާމްދަނީ ލިބޭނެ ވަރުގެ މަގާމުތަކަށް ދިވެހިން ގެންނަން." ޑރ.މައުސޫމް ވިދާޅުވިއެވެ.

2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މާޔޫސްކަމުގެ ބޮޑުބައެއް ފިލައިގެންދާނެ ކަމަށް ޑރ.މައުސޫމް ވިދާޅުވިއިރު ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ބައެއް މުވައްޒަފުން ވަނީ ނޯޕޭލީވްއަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން